ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާތީ ގދ. ތިނަދޫގައި މާދަމާއިން ފެށިގެން 24 ގަޑިއިރު ކާފިއު ހިންގަން ނިންމައިފިއެވެ.
ތިނަދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ރަށުގެ ހާލަތު އަދިވެސް ރަނގަޅު ވެފައި ނުވާތީ މާދަމާ އިން ފެށިގެން ހަތް ދުވަހުގެ ނިޔަލަށް 24 ގަޑިއިރަށް ކާފިއު ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް އެއް ހަފްތާއަށް ބޭރުތެރޭގައި އުޅުމަށް ދީފައިވާ ލުއިތައް ހިފަހައްޓާފައިވާއިރު، އެރަށު ގޭބިސީތަކަށް ދޫކޮށްފައިވާ ހައުސް ހޯލްޑް ޕާމިޓްތައް އެއް ހަފްތާގެ މުއްދަތަކަށް ހިފެހެއްޓުމާއި, ކަސްރަތު ކުރުމަށް ކަނޑައަޅާފައިވާ ވަގުތުތަކުގައިވެސް ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ.
އަދި އަމިއްލަ ކާރުތަކުގެ ދަތުރުތައް ހުއްޓާލުމަށާއި، ޓެކްސީ ޚިދުމަތްތައް "ޓައިމް ބައުންޑް ޕާމިޓް" ނޯންނަ ފަރާތްތަކަށް ދިނުން މަނާކޮށް, އުސޫލަށް އަމަލު ނުކުރާ ޓެކްސީތަކުގެ ހުއްދަ ހަފްތާގެ މުއްދަތަކަށް ހިފެހެއްޓުމަށް ވަނީ ނިންމާފައެވެ.
ތިނަދޫގައި އަޅާފައިވާ ފިޔަވަޅުތައް:
- ހައުސްހޯލްޑް ޕާމިޓްތައް އެއް ހަފްތާއަށް ކެންސަލް ކުރުން.
- ކަސްރަތު ކުރުމަށް ދީފައިވާ ވަގުތު ކެންސަލްކުރުން.
- އެޗްޕީއޭއިން އަންގާފައިވާ ގޮތަށް ސަރުކާރު އިދާރާތަކުންދޭ ޒަރޫރީ ބޭނުންތަކަށް އޮފީސްތަކަށް ހާޒިރުވާންޖެހޭ އެންމެ މަދު މުވައްޒަފުން ބޭނުންކޮށްގެން ޚިދުމަތް ދިނުން.
- އަމިއްލަ ކާރުތަކުގައި ދަތުރުކުރުން މަނާކުރުމާއި, ޓެކްސީ ޚިދުމަތްތައް "ޓައިމް ބައުންޑް ޕާމިޓް" ނޯންނަ ފަރާތްތަކަށް ދިނުން މަނާކޮށް, އުސޫލަށް އަމަލު ނުކުރާ ޓެކްސީތަކުގެ ހުއްދަ ހިފެހެއްޓުން.
- ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވައިގެން ދެމުންދިޔަ ޚިދުމަތްތައް ހުއްޓާލައި, ހަމައެކަނި ޑެލިވަރީގެ ޚިދުމަތް ދިނުން..
- ޑެލިވަރީގެ ޚިދުމަތް ދިނުމަށް ދޫކޮށްފައިވާ ފާސްތައް ބޭނުންކޮށްގެން ޑެލިވަރީ ކުރުމަށް ދީފައިވާ ގަޑިތައް ނޫން އެހެން ގަޑިތަކުގައި ޑެލިވަރީ ކުރާނަމަ އެމީހެއްގެ ފާސް ހިފެހެއްޓުން.
- ކަސްޓަމަރުން ވައްދައިގެން ޚިދުމަތްދޭ ވިޔަފާރިތަކުގެ ހުއްދަ އެއް ހަފްތާއަށް ހިފެހެއްޓުން.
- ފަރުމަސްވެރިކަން ކުރުމަށް ދޭ ހުއްދަތައް ދިނުން މެދުކަނޑާލުން.
- މަސްވެރިކަމަށް ފުރާ ދޯނިތައް އެނބުރި ރަށަށް އައި ނަމަވެސް, މަސްވެރިން ރަށަށް ނޭރުން.
- ސަރުކާރުގެ ހުއްދައާއެކު ކުރާ މަސައްކަތްތައް ފިޔަަވައި އެހެން މަސައްކަތްތައް ހުއްޓާލުން.
ކޮވިޑްގެ ހާލަތު ތިނަދޫގައި ގޯސްވެފައިވާއިރު އެ ރަށުގައި ކޮވިޑްގެ 275 އެކްޓިވް ކޭސް އުޅޭ ކަމަށް ތިނަދޫ ހޮސްޕިޓަލުން ބުނެއެވެ.
ތިނަދޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ވަނީ އެ ބަލީގައި ނިޔާވެފައެވެ.