ސްރީލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ލައްވާ ހަށި ވިއްކުވި މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އުމުރުން 15 އަހަރުގެ ކުއްޖަކު ޖިންސީ ބޭނުމަށް އެކި މީހުންނާ ހަވާލުކޮށް އެ ކުއްޖާގެ ކިބައިން ނާޖާއިޒު ފައިދާ ނަގަމުން ދިޔަ މައްސަލައެއް ލަންކާ ފުލުހުން އަންނަނީ ބަލަމުންނެވެ.
ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި މި މައްސަލައާއި ގުޅުންހުރި 32 މީހަކު ވެސް ރޭޕްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާއިރު، އެންމެ ފަހުން ހައްޔަރު ކުރި 4 މީހުންގެ ތެރޭގައި ދިވެއްސަކުވެސް ހިމެނެއެވެ. އޭގެތެރެއިން ތިން މީހުންނަކީ ލަންކާގެ ރައްޔިތުންނެވެ. އަދި އެއީ ކުއްޖާ އިސްތިހާރުކޮށް ވިއްކުމަށް ވެބްސައިޓެއް ހަދައި ހިންގި މީހާ އާއި ހޮޓަލެއްގެ މެނޭޖަރެވެ. މީގެ އިތުރުން، މި މައްސަލައިގައި އިތުރު 12 މީހަކު ފާހަގަވެފައިވާ ކަމަށް ލަންކާ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
މި ކުޑަ ކުއްޖާ ބޭނުންކޮށްގެން ހަށިވިއްކާ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ކުއްޖާގެ މަންމަ ވެސް ހިމެނެވެ.
ލަންކާ ފުލުހުން މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާއިރު، މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކުއްޖާ ލައްވާ ހަށިވިއްކުވާތާ މިހާރު ވަނީ ތިން މަސްވެފައެވެ.
އެ ކުއްޖާއަށް ޖިންސީ ގޮތުން އެތައް އަނިޔާއެއް ލިބިފައިވާއިރު، އެކުއްޖާއަށް މިހާރު ފަރުވާ ދެމުން ކަމަށް ލަންކާ ފުލުހުން މައުލޫމާތުދެއެވެ.




