ގުރުއަތުން ފުލެޓު ލިބިފައިވާ ފަރާތްތަކާއި، ފުލެޓު ލިބިފައިނުވާ އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް ލިބިފައިވާ ފުލެޓުގެ ތަފްޞީލު ހިއްސާކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން ނުގުޅާނެ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.
އެ ކޯޕަރޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވީ، ހިޔާ މަޝްރޫޢުއިން ފުލެޓު ލިބިފައިވާ ފަރާތްތަކަށް މިކޯޕަރޭޝަނުގެ ނަމުގައި ގުޅާކަމަށް ބުނެ ހުށަހެޅެމުންދާ ޝަކުވާތައް ލިބެމުންދާކަމަށެވެ.
"ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކަށް ފުލެޓު ގުރުއަތުން ލިބޭ ފުލެޓު ކަނޑައެޅުމަށްފަހު ބާކީ ގުރުއަތުން އެއްވެސް ފަރާތަކަށް ކަނޑައެޅިފައިނުވާ ފުލެޓުތަކަށް ހޮވިފައިވާކަމަށް ބުނެ މި ކޯޕަރޭޝަނުން އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް ނުގުޅާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ." އިއުލާނުގެ ބުނެފައިވެއެވެ.
ހައުސިން އިން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ފުލެޓަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފުލެޓު ކަނޑައެޅުމަށް މިކޯޕަރޭޝަނުން އަމަލުކުރަމުންދާ އުޞޫލަކީ، ފުލެޓު ގުރުއަތު ނެގުން ހަމަޖެހިފައިވާ ތާރީޚް އަދި އެދުވަހެއްގެ ގުރުއަތުގައި ފުލެޓު ކަނޑައެޅޭނެ ފަރާތްތައް ހިމެނޭ ލިސްޓު އާންމުކޮށް އަންގާ އިޢުލާނުކުރުމަށްފަހު، ޓީ.ވީގެ ޒަރިއްޔާއިން ގެނެސްދެވޭ ލައިވް ޕްރޮގްރާމެއް މެދުވެރިކޮށް ގުރުއަތު ނެގުން ކުރިއަށް ގެންދިއުން ކަމަށެވެ.
މީގެ އިތުރުން ހައުސިން އިން ވިދާޅުވީ، މި މަޝްރޫޢުއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ހިއްސާ ކުރާނަމަ، އެކަން ކުރާނީ އާންމު އިޢުލާނެއްގެ ޒަރިއްޔާއިން ނުވަތަ މިކޯޕަރޭޝަނުގެ މީސްމީޑިއާ ޕޭޖުތައް މެދުވެރިކޮށް ކަމަށެވެ. އަދި ހަމައެހެންމެ، މިފަދަ ކަމެއްގައި މިކޯޕަރޭޝަނުގެ ފަރާތުން ގުޅާނަމަ ބޭނުން ކުރާނީ މިކޯޕަރޭޝަނުގެ ރަސްމީ ނަންބަރުތައް ކަމުގައި ހައުސިން އިން ވިދާޅުވިއެވެ.
މިފަދައިން އޮޅުވާލައިގެން މިކޯޕަރޭޝަނުގެ ނަމުގައި ކުރާ ކޯލުތަކަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފައިވެއެވެ.




