ކުރީގެ އިސްލާމީ ވުޒާރާއިން އެކަނިވެސް 50 މިލިޔަން ރުފިޔާ ނުދައްކާ އޮތްކަމަށް ވަޒީރު ހާމަކުރައްވައިފި

މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި އެކަނިވެސް 50 މިލިޔަން ރުފިޔާ ނުދައްކާ އޮތްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ. މި މަޢުލޫމާތު ވަޒީރު ހާމަކުރެއްވީ މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި ސަރުކާރު ފެށުނުއިރު އިސްލާމީ ވުޒާރާގައި އެކަނިވެސް 30 މިލިޔަނެއްހާ ރުފިޔާ ކުންފުނިތަކަށް ނުދައްކާ އޮތެވެ. އަދި މަސައްކަތްކޮށް ވުޒާރާއަށް ބިލުތައް ނައިސް ހުރި އަދަދާއެކު ޖުމުލަ 50 މިލިޔަނަށް އަރާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް މި ހުރިހާ ފައިސާއެއްވެސް މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ދައްކާ ނިންމާފައެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އެކި މަސައްކަތްތައްކޮށް ދިވެހި ކުންފުނިތަކަށް ނުދައްކާ އޮތް ފައިސާގެ ޢަދަދު 9 ބިލިޔަނަށް އަރާކަމަށް ސަރުކާރުން ކުރިން ވަނީ ހާމަކުރައްވާފައެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ "ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް 5 ހަފްތާ ތެރޭގައި ދައްކާ ނިންމަވާނެ" ކަމަށް ވިދާޅުވެފައެވެ.

އަދި މީގެ އިތުރުން، މަސްވެރިންނަށް ދޭންޖެހޭ 260 މިލިޔަނެއްހާ ރުފިޔާވެސް އޮތީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ނުދައްކާކަން ފާހަގަކުރެވެއެވެ. ނަމަވެސް މި ސަރުކާރުން ވަނީ މަސްވެރިންނަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކޮށް، ކުންފުނިތަކަށް ދޭންޖެހޭ ފައިސާވެސް ދެއްކުމުގެ މަސައްކަތް ކުރިއަށް ގެންދަވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ