ފޮރިން މިނިސްޓްރީއަކީ ރާއްޖޭގެ މިނިވަންކަމުގެ "ފަސްޓް ލައިން އޮފް ޑިފެންސް": ޝާހިދު

ފޮރިން މިނިސްޓްރީއަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް  އަތުރާލާފައިވާ ސަފުތަކުގެ ތެރެއިން "ފަސްޓް ލައިން އޮފް ޑިފެންސް" ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޢަބްދުﷲ ޝާހިދު މިފަދައިން ވިދާޅުވީ، ފޮރިން މިނިސްޓްރީ ޢިމާރާތުގެ ނަން ފަތުޙުﷲ ޖަމީލް ބިލްޑިންގެ ނަމަށް ބަދަލުކުރެއްވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައި މިއަދު ހެނދުނު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ، އަޅުގަނޑުމެންގެ މުޅި ވިސްނުމާ އަޅުގަނޑުމެންގެ މުޅި ގުޅުން އޮންނާނީ ހަމައެކަނި މަޤާމުގައި ތިބޭ އިރަކު ނޫން ކަމަށާއި ފޮރިން މިނިސްޓްރީއަކީ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތު ރައްކާތެރިކުރުމަށް އަތުރާލާފައިވާ ސަފުތަކުގެ ތެރެއިން "ފަސްޓް ލައިން އޮފް ޑިފެންސް" ކަމަށެވެ.

އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ދައުލަތުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ބޭރު ގައުމުތަކުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ތިއްބެވި ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދައުލަތުގެ އެންމެ މުހިންމު އެއް މިނިސްޓްރީގެ ޢިމާރާތް، އެމިނިސްޓްރީ ހިންގެވި ބޭފުޅެއްގެ ނަންފުޅަށް، ނިސްބަތްކޮށްގެން ހުޅުވޭކަމީ، ރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ ދާއިރާގައި، އެމަނިކުފާނު ކުރައްވާފައިވާ ޚިދުމަތްތަކުގެ މަތިވެރިކަން ރަމްޒުކޮށްދޭނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ޢިމާރާތް، ފަތުޙުﷲ ޖަމީލްގެ ނަންފުޅަށް ޚާއްޞަކުރުމުގެ ބޭނުމަކީ ރާއްޖޭގެ ޚާރިޖީ ދާއިރާ ބިނާކުރައްވައި ތަރައްޤީކުރެއްވުމުގައި، 27 އަހަރާއި 4 މަސް ވަންދެން އެމަނިކުފާނު ކުރެއްވި، ޤައުމީ ޚިދުމަތުގެ އަގު، ދާއިމީ ގޮތެއްގައި ޤައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ގޮތެއް ހެދުން ކަމަށެވެ. އަދި މި ޢިމާރާތާއި އެމަނިކުފާނާ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދިނުމަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ