ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަން ޗިލީއިން ކުޅުނު ފުރަތަމަ މެޗުން ފަސޭހަކަމާއެކު މޮޅުވެ މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ރޭފަތިހު ކުޅެވުނު މިމެޗު ޗިލީއިން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވާއިރު މިލަނޑު ޗިލީއަށް ލިބުނު ކޯނަރެއްގައި ބޮލުން ކާމިޔާބުކޮށްދިނީ އެޑުއާޑޯ ފުލްގާއެވެ.
ދެވަނަ ހާފްގައި އެޑުއާޑޯ ވާގަސްގެ ދެލަނޑު ފެނިގެންދިޔައިރު ވާގަސްގެ ފުރަތަމަ ލަނޑަކީ ފޮނުވާލި ހަމަލާއެއް ޖަޕާން ކުޅުންތެރިއެއްގެ ފައިގައިޖެހި މިސްރާބު ބަދަލުވެގެންގޮސް ގޯލްތެރެއަށްވަތް ލަނޑެކެވެ. އަދި ދެވަނަ ލަނޑު ޖަޕާންގެ ކީޕަރު ބޯޅައަށް އެރިވަގުތު ކީޕަރު ބޯމަތިން ގޯލްތެރެއަށް ފޮނުވާލީ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައެވެ.

ޗިލީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އެލެކްސިސް ސަންޗޭޒްއެވެ.
އެންމެ ފަހުގެ ދެމުބާރާތުގެ ޗެމްޕިއަންއަކީވެސް ޗިލީއެވެ. ކޮޕާ އެމެރިކާގެ 2015 އާއި 2016 ވަނަ އަހަރުގެ ތަށި ޗިލީއިން އުފުލާލިއިރު މިދެއަހަރުވެސް ފައިނަލްގައި ބައްދަލުކޮށްފައިވަނީ އާޖެންޓީނާއާއެވެ.
ދަޢުވަތު ދީގެން މުބާރާތުގައި ވާދަކުރަމުން އަންނަ ޖަޕާނުގެ 13 ނަންބަރު އަޔާޝޭ އުއޭޑާއަށް ރަނުގެ ތިން ފުރުޞަތު ރޭގެ މެޗުގައި ލިބިގެން ގޮސްފައިވެއެވެ. ލިބުނު ފުރަތަމަ ފުރުޞަތުގައި ކީޕަރު ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަވަނީ ގޯލާއި އަމާޒުވާގޮތްނުވެފައެވެ.
ދެވަނަ ފުރުޞަތުގައި އަރިމަތިން ހުރަސްވެގެން އައި ބޯޅަ ގޯލު ކުރިމައްޗަށް ފެނުޖެހުނުއިރު އުއޭޑާ ހުހަށްހުރެ ގޯލްކުރިމަތިން ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ އެއްއަރިމަތިންނެވެ. ތިންވަނަ ފުރުޞަތުވެސް ހަމައެހާ ހުސްކޮށް ލިބިގެން ދިޔައިރު ގޯލް ކުރިމަތިން ހުރަސްވި މިބޯޅައަށް އުއޭޑާއަށްވަނީ ރަނގަޅަށް ފައިފޯރާގޮތް ނުވެފައެވެ.



