އަފްގާނިސްތާނުން މިއަހަރު ރިކޯޑު އަދަދަކަށް އާންމު ރައްޔިތުން މަރުވެއްޖެ: އ.ދ ރިޕޯޓް

އަފްގާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިއަހަރުގެ މިހާތަނަށް ރިކޯޑު އަދަދަކަށް މީހުން މަރުވެފައިވާކަމަށް އ.ދ އިން ބުނެފިއެވެ.

އ.ދ އިން ނެރުނު ރިޕޯޓެއް ބުނެފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް އަފްގާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އާންމު ރައްޔިތުންގެ ތެރެއިން 1،600 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ މިހާތަނާ އަޅާބަލާއިރު 47 އިންސައްތައިގެ އިތުރުވުމެކެވެ.

އ.ދ އިން މި ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ހަމަނުޖެހުންތަކުގައި މަރުވާ އާންމު ރައްޔިތުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ.

އަފްގާނިސްތާނުގެ ސަރުކާރު ސިފައިން މިއަހަރު އައްނަނީ އެގައުމުގެ ބޮޑުބަޔެއް ކޮންޓުރޯލް ކުރަމުންދާ ތޯލިބާން ހަނގުރާމަވެރިން ހުއްޓުވުމަށް ވަރުގަދަ ހަނގުރާމަތަކެއް ކުރަމުންނެވެ. ގިނަ އަދަދެއްގެ ބައިނަލްއަގްވާމީ ފައުޖުތައް މިހާރުވަނީ އަފްގާނިސްތާން ދޫކޮށް ގޮސްފައެވެ.

2009 ވަނަ އަހަރުން ފެށިގެން އ.ދ އިން އައްނަނީ އަފްގާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މަރުވާ އާންމު ރައްޔިތުންގެ އަދަދުތަކުގެ ތަފާސްހިސާބެއް ބަލަހައްޓަމުންނެވެ. 2009 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ހުރި ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މެއި އަދި ޖޫންމަސް ފާހަގަ ކުރެވެނީ އެންމެ ގިނަ އާންމު ރައްޔިތުން މަރުވި ދެމަހުގެ ގޮތުގައެވެ.

އ.ދ ރިޕޯޓު ބުނާގޮތުން މަރުވި އާންމު ރައްޔިތުންގެ ތެރެއިން 64 އިންސައްތަ މީހުން މަރުވެފައިވަނީ ސަރުކާރާއި ދެކޮޅު ފަރާތްތައް ދިން ހަމަލާތަކިގައެވެ. 25 އިންސައްތަ މީހުން މަރުވެފައިވަނީ ސަރުކާރުގެ ސިފައިން ދިން ހަމަލާތަކުގައެވެ. އަދި 11 އިންސައްތަ މީހުން މަރުވެފައިވަނީ އެއްވެސް ބަޔެއްގެ ސީދާ ހަމަލާތަކާއި ގުޅިގެނެއް ނޫނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ