ޖަރުމަނުގެ ކެމިކަލް ސައިޓެއްގައި ބާރުގަދަ ގޮވުމެއް ގޮވައި އެކަކު މަރުވެއްޖެ

ޖަރުމަނުގެ ސިޓީއެއް ކަމަށްވާ ލެވަރކޫސެންގެ ކެމިކަލް ސައިޓެއްގައި ބާރުގަދަ ގޮވުމެއް ގޮވައި އެކަކު މަރުވެ ހަތަރުމީހުން ވީނުވީތަނެއް ނޭންގި ގެއްލިއްޖެއެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ގިނަ އަދަދެއްގެ ކެމިކަލް ކުންފުނިތަކުގެ އޮޕަރޭޝަން ހިނގާ ޗިމްޕާކް ސައިޓުގައި މި ގޮވުން ގޮވައިފައިވަނީ ޖަރުމަނު ގަޑިން މިއަދު ހެނދުނު 10:00 ހާއިރު އެ ސައިޓުގެ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީގައެވެ.

މިހާދިސާގައި އެކަކު މަރުވެ، 16 މީހުންނަށް އެކިވަރުގެ އަނިޔާތައްލިބި، އަދި ހަތަރުމީހަކު އަދިވެސްވަނީ ނުފެނިއެވެ. ވޭސްޓް މެނޭޖްމެންޓް ފެސިލިޓީގައި ގޮވި ގޮވުމުގެ ސަބަބުން ރޯވި އަލިފާންގަނޑު ނިއްވާލުމަށް ހަތަރު ގަޑިއިރު ނަގައިފައި ވެއެވެ. ރޯވި އަލިފާންގަނޑާއެކު އެސަރަހައްދުގައި ބޯދުން އުފެދިފައި ވެއެވެ.

ޖަރުމަނުގެ ސިވިލް ޕުރޮޓެކްޝަން ޑިޒާސްޓަރ އެސިސްޓެންސް އޮފީހުން މިހާދިސާ އެންމެ ފުރަތަމަ ކެޓަގަރީ ކޮށްފައިވަނީ އެންމެ ނުރައްކާތެރި ދަރަޖައިގެ ހާދިސާއެއްގެ ގޮތުގައެވެ. އަދި އާންމު ރައްޔިތުން ގެތަކަށްވަދެ ދޮރުތައް ލައްޕައިގެން ތިބުމަށް އަންގައިފައި ވެއެވެ. ވައިގެތެރޭ ވިހަ ގޭހުގެ އަސަރު ހުރެދާނެކަމަށް ގެތަކުގެ އެއާކޮންޑިޝަނާތައް ބޭނުން ނުކުރުމަށްވެސް އަންގައިފައި ވެއެވެ.

ނަމަވެސް، ވައިގެތެރޭ އެއްވެސް މިންވަރަކަށް ވިހައިގެ އަސަރު ހުރިތޯ ބެލުމަށް ކުރެވުނު ތަހުލީލުތަކުން ވިހައިގެ އަސަރު ފެއްނަން ނެތުމުންވަނީ މި އިރުޝާދުތައް އުވާލައިފައެވެ. ނަމަވެސް ވައިގެ ސާފުމިން ކަށަވަރު ކުރުމަށް އިތުރު ތަހްލީލުތައް ކުރުމަށްވަނީ ހަމަޖެހިފައެވެ.

މައުލޫމާތު ލިބޭގޮތުގައި މިހާދިސާ ހިނގި ސައިޓުގައި 30 ވުރެ ގިނަ ކުންފުނިން އެކުންފުނިތަކުގެ ކެމިކަލް މަސައްކަތްތައް ކުރެއެވެ. މިސައިޓުގައި މިހާވަރުގަދަ ގޮވުމެއް ގޮވަން ދިމާވި ސަބަބު ދެނެގަތުމައް އައްނަނީ ތަހުލީލުތައް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ