ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ރާއްޖޭގައި ފަށައިފައިވާ ވެކްސިން ކެމްޕެއިންގެ ދަށުން ވެކްސިން ޖެހުމަށް ބުކިން ހެދުމުގައި ދިމާވާ މައްސަލަތައް ހައްލު ކޮށްދިނުމަށް ހުރިހާ ވެކްސިން ސެންޓަރުތަކުގައި ހެލްޕް ޑެސްކް ބަހައްޓައިފިއެވެ.
ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ވިދާޅުވީ މި ޑެސްކުތައް މާދަމާއިން ފެށިގެން ބެހެއްޓިފައި ހުއްނާނެ ކަމަށެވެ. މީގެއިތުރުން ބިދޭސީންނާއި ދިވެހިންނަށް އެހީތެރިވުމަށް ދިވެހި ރެޑް ކުރެސެންޓުގެ ހެލްޕް ޑެސްކެއް ސަލްޓަން ޕާރކް ސަރަހައްދުގައި ބެހެއްޓިފައި ހުއްނާނެ ކަމަށެވެ.
ސަރުކާރުން ދަނީ މި މަހުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަކުރުމަށް އަމާޒުކޮށް ވަރުގަދަ ކެމްޕޭނެއް ފައްޓައިގެން ހިންގަމުންނެވެ.
Having difficulty securing a booking for your COVID-19 vaccination? We are here to help!
Go to any of our help desks at vaccination centers and our team will help you get a booking. pic.twitter.com/Il9h3rS1vi
— Health Protection Agency (@HPA_MV) August 1, 2021
މިހާތަނަށް ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް 322،710 މީހަކުވަނީ ފުރިހަމަކޮށްފައެވެ. އަދި ދެވަނަ ޑޯޒް 268،244 މީހުން ފުރިހަމަކޮށްފައިވެއެވެ. މިއީ ވެކްސިން ޖެހޭ އާބާދީގެ 50 އިންސައްތައަށް ވުރެ ގިނަ އަދަދެކެވެ.
ރާއްޖޭގައި ޖަހައިދެމުން އަންނަނީ ކޮވިޝީލްޑް ވެކްސިން އާއި އެސްޓްރާޒެނެކާ ވެކްސިންގެ އިތުރުން ސިނޮފާމް ވެކްސިން އަދި ފައިޒާ ވެކްސިންއެވެ. ރަޝިޔާގެ ސްޕަޓްނިކް ވީ ވެކްސިންއަށް ހުއްދަދީފައިވީނަމަވެސް އަދި އެ ވެކްސިން ރާއްޖެއަށް ލިބޭ ގޮތެއް ނުވެއެވެ. މި ވެކްސިންތަކުގެ އިތުރުން މޮޑާނާ އަދި ޖެންސަން ވެކްސިން ޖަހަންވެސް ވަނީ ހުއްދަދީފައެވެ



