ނިރުބަވެރިކަމާއި ދެކޮޅަށް ހިނގި އޮޕަރޭޝަންތަކެއްގައި މިސްރުގެ 8 ސިފައިން މަރުވެއްޖެއެވެ.
މިސްރުގެ ސިފައިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނިރުބަވެރި ހަނގުރާމަވެރިންނާއި ދެކޮޅަށް ގިނަ ކުރިމަތިލުންތައް ހިނގައިފައިވަނީ ސިނާ ގައި ކަމަށެވެ. މިސަރަހައްދަކީ އައިސް ޖަމާއަތަށް މަދަދުވެރިވާ ހަނގުރާމަވެރިން ހަރަކާތްތެރިވާ ސަރަހައްދެކެވެ.
މިހެންނަމަވެސް އަށް ސިފައިންގެ މީހުން މަރުވެފައިވަނީ ހަމައެކަނި ސިނާގައި ހިނގި ކުރިމަތިލުން ތަކުގައި ކަމަށް މިސްރުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައެއް ނުވެއެވެ. މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހަނގުރާމަވެރިންގެ ތެރެއިން 89 މީހުން މަރާލައިފައިވާ ކަމަށެވެ. މީގެއިތުރަށް ގިނަ އަދަދެއްގެ ގޮވާތަކެއްޗާއި އެހެނިހެން ހަތިޔާރުތައް ހަނގުރާމަވެރިންގެ އަތުން އަތުލައިފައިވާކަންވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ސިނާގައި ހަނގުރާމަވެރިންގެ ހަމަލާތައް އިތުރުވާން ފަށައިފައިވަނީ 2013 ވަަނަ އަހަރު މިސްރުގައި ގެނެވުނު އަސްކަރީ ބަގާވާތަށްފަހު އޭރުގެ ރައީސް މުހައްމަދު މުރުސީ ވެރިކަމުން ދުރުކުރި ފަހުންނެވެ.
ރަސްމީ ތަފާތު ހިސާބުތައް ދައްކާގޮތުން ހަނގުރާމަވެރިންގެ ހަމަލާތަކުގައި ސިފައިންގެ ތެރެއިން އެތައްސަތޭކަ ބަޔަކުވަނީ މަރުވެފައެވެ. މީގެއިތުރަށް އާމުންގެތެރެއިން އެތައްހާސްބަޔަކުވަނީ މަރުވެފައެވެ.



