ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މާރިޔާއާއި އިމްރާން އެކަހެރިކުރުމަށް އެމްޑީޕީން ގޮވާލައިފި

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަގާމުން އެކަހެރި ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުގައި ބައެއް މެންބަރުން ގޮވާލައްވައިފިއެވެ.

މެއި 6 ވަނަ ދުވަހު ރައީސް ނަޝީދުގެ ހަށިކޮޅަށް ދިން ޓެރެރިސްޓު ހަމަލާއާއި ގުޅިގެން، މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމިޓީ(241 ކޮމިޓީ) އިން ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހު އެކުލަވާލައިފައިވާ ރިޕޯޓުގައި ވަރަށް ގިނަ ކަންކަން ތަންފީޒުކުރުމަށް އެ ކޮމިޓީން ވަނީ ހުށަހަޅައިފައެވެ.

ނަމަވެސް ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މި ހުށަހެޅުންތައް ތަންފީޒުކުރުމުގައި އަމަލުނުކުރެވޭތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރޭގެ ބައްދަލުވުމުގައި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވީ، މިވަގުތު ޑިފެންސް މިނިސްޓަރާއި އަދި ހޯމް މިނިސްޓަރު އެ މަގާމުގައި ތިއްބަވައިގެންނެއް ރިކޮމެންޑޭޝަންތައް ފުރިހަމައަށް ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށެވެ.

"އެހެންކަމުން އަޅުގަނޑު ހަމަ އެދެން ވަރަށް ބޮޑަށް އެބޭފުޅުން އެކަހެރިކޮށްގެންވިޔަސް މި ރިކޮމެންޑޭޝަންތައް ރަނގަޅަށް ތަންފީޒުކުރަން،" ޝިޔާން ވިދާޅުވިއެވެ.

ޝިޔާންގެ އިތުރުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، އިންކުއަރީ ރިޕޯޓުގައި ހިމަނާފައިވާ ރިކޮމެންޑޭޝަންތައް ތަންފީޒުކުރަމުންދާ ކަމަށް ސަރުކާރުން ބުނެފައިވީނަމަވެސް، އެކަންކަމުގެ ތަފްސީލު ސަރުކާރުން ހާމަނުކުރުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ. އަދ ހޯމް މިނިސްޓަރ އިމްރާން މަގާމުގައި ހުންވުމަކީ އެ ކަންކަން ތަންފީޒު ކުރެއްވުމަށް އޮތް ހުރަހެެއް ކަމުގައި ބޮންޑަ ވިދާޅުވިއެވެ.

ރިކޮމެންޑޭޝަންތައް ތަންފީޒުކުރުން ކުރިއަށްދާނެގޮތަކީ ހާމަކުރެވޭނެ މައުލޫމާތެެއް ނޫން ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހުސައިން އަފީފު ވަނީ ރޭގެ ގައުމީ މަޖިލީހުގައި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ