މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޯޕޭޒް(ޖޭލޯ) އާއި އެކްޓަރ ބެން އެފްލިކްސް ލޯބީގެ ގުޅުން އަލުން ފެށިފައިވާއިރު، މި ފަހަރު މި ދެމީހުން ގުޅުން ކައިވަންޏަކާއި ހިސާބަށް ދާނެ ކަމަށް ހަބަރު ތަކުގައި ރިޕޯޓުކޮށްފިއެވެ.
މި ދެމީހުން އަލުން ގުޅިގެން އުޅޭކަން ޔަޤީންކޮށްދީފައިވާއިރު، ދެމީހުން އެކިތަންތަނުގައި ވަގުތު ހޭދަކުރާ މަންޒަރު ފެންނަ ފޮޓޯތައް މީސްމީޑީއާގައި އަންނަނީ ދައުރުވަމުންނެވެ. އެގޮތުން ދެމީހުންގެ ދަރިންނާއި އެކި ތަންތަނުގައި މި ދެބައިވެރިން އަންނަނީ ވަގުތު ހޭދަކުރަމުންނެވެ.
އެއާއެކު މި ދެބައިވެރިން މިހާރު އުޅެނީ ވަރަށް ލޯބިން ކަމަށާއި އަދި ދެމީހުން ކައިވެނި ކުރުމަށް ވަރަށް ސީރިއަސްކޮށް ވިސްނާ ކަމަށް އެމީހުންނާއި ގާތް މަސްދަރުތަކުން ވަނީ ނޫސްތަކަށް ރިޕޯޓުކޮށްފައެވެ.
އޭގެ އިތުރުން، ބެން އެފްލިކް އާއި އޭނަގެ މަންމަ އަދި ދަރިފުޅު ސޭމް އާއެކު އެންޖޭޖް މެންޓް އަނގޮޓިއެއް ހޯދުމަށް ލޮސް އެންޖެލަސްގައި ހުންނަ "ޓިފަނީ އެންޑް ކޯ" ގެ ފިހާރަކުން ފެނިފައިވާކަމަށް ވެސް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އެއާއެކު ޖޭލޯ އާއި ބެން ކައިވެނީގެ ގޮތުން ގުޅެން އުޅޭ ކަމުގެ ހަބަރުތައް އިތުރަށް ދެކެވެން ފެށިއެވެ.
ޖޭލޯ އާއި ބެން އެފްލިކްގެ ލޯބީގެ ގުޅުން އެންމެ ފުރަތަމަ ފެށުނީ މީގެ އެތައް އަހަރުކުރިންނެވެ. އެގޮތުން މި ދެމީހުން އެންމެ ފުރަތަމަ ދެމީވީ 2001 ވަނަ އަހަރު، ދެމީހުން އެކުގައި ފެނިގެންދިޔަ ފިލްމެއްގެ ސެޓުންނެވެ. މި ފިލްމް ރިލީޒްވެފައިވަނީ 2003 ވަނަ އަހަރުއެވެ. އޭރު ޖޭލޯ އިނދެގެން އުޅެނީ އޭނަގެ ދެވަނަ ފިރިމީހާއާއެވެ.
އޭގެ ފަހުން ޖޭލޯ އާއި އޭނަގެ ދެވަނަ ފިރިމީހާގެ ކައިވެނި ރޫޅިފައިވާއިރު، 2002 ވަނަ އަހަރު ޖޭލޯ އާއި ބެން އެފްލިކް ވަނީ އެންގޭޖްވިކަން އިއުލާންކޮށްފައެވެ. އޭގެ ފަހުން 20023 ވަނަ އަހަރުވެސް ދެމީހުން އެކުގައި ފިލްމަކުން ފެނިފައިވާއިރު، ދެމީހުންގެ ކައިވެނި ފަސްކޮށްފައިވާކަން އެ އަހަރު އިއުލާންކުރިއެވެ. އަދި 2004 ވަނަ އަހަރު ވަނީ ދެމީހުންގެ އެންޖޭޖްމެންޓް ރޫޅާލައިފައެވެ.
2004 ޖޫން 4 ގައި ލަވަކިޔުންތެރިޔާ މާކް އެންތޮނީއާއި ޖޭލޯ ކައިވެނިކޮށްފައިވާއިރު، އެ ކައިވެންޏަށް ވަނީ އެއްމާބަނޑު ދެ އަންހެން ކުދިންވެސް ލިބިފައެވެ. މި ދެމީހުންގެ ކައިވެނި ރޫޅުނީ 2014 ވަނަ އަހަރުއެވެ.
"ބެޓް މޭން" ގެ އެކްޓަރ ބެން އެފްލިކްވެސް ވަނީ 2005 ވަނަ އަހަރު އެކްޓްރެސް ޖެނިފާ ގާނާ އާއި ކައިވެނިކޮށް، ކައިވެންޏަށް ތިން ދަރިން ލިބިފައެވެ. މި ދެމީހުން ވަރިވެފައިވަނީ 2018 ވަނަ އަހަރުއެވެ.



