ކޮޕާ އެމެރިކާގައި ބްރެޒިލް އަދި ވެނެޒުއޭލާ ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެއްޖެއެވެ.
100 މިނަޓަށް ދިގުދެމިގެން ދިޔަ، ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ބްރެޒިލްއިން ތިން ލަނޑުޖެހިއިރު ދެލަނޑު ވީއޭއާރު ބެލުމަށްފަހު އޮފްސައިޑްކަމަށް ނިންމައި ކެންސަލްކުރިއެވެ. އަދި ބްރެޒިލްގެ އަނެއް ލަނޑުޖެހީ ފައުލްކޮށްފައިކަމަށް ބަލައި އެލަނޑުވެސް ވަނީ ރެފްރީ ކެންސަލްކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވެނެޒުއޭލާގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ފެނިގެން ދިޔަނަމަވެސް ދެވަނަ ހާފުގައި އެޓީމު ބޮޑަށް ބެލީ ޑިފެންސްކުރުމަށެވެ.
ބްރެޒިލްއަށް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ދެހާފުގައިވެސްވަނީ ލިބިގެން ގޮސްފައެވެ.
ރޭ ކުޅެވުނު މިގްރޫޕްގެ އަނެއް މެޗުގައި ޕެރޫވަނީ ބޮލީވިއާގެ މައްޗަށް ފަހަތުން އަރައި ކުރިހޯދާފައެވެ. އެމެޗުގެ ފުރަތަމަ ލަނޑު ބޮލީވިއާއިން ޖެހީ ލިބުނު ޕެނަލްޓީއަކުން މޮރޭނޯއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޮރޭރޯ ލަނޑެއްޖަހައި ޕެރޫއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ދެވަނަ ހާފުގައި ފެނިގެންދިޔަ ދެލަނޑާއެކު ޕެރޫއަށް މެޗު ކަށަވަރުވިއިރު އެލަނޑުތައް ޖަހައިދިނީ ފާފަން އަދި ފްލޯރެސްއެވެ.
ގުރޫޕްގެ ތިންވަނަ މެޗުގައި ބްރެޒިލް އަދި ޕެރޫ ބައްދަލުކުރަމަށް ހަމަޖެހިފައިވާއިރު މިފޯރިގަދަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 12:00 ގައެވެ. ބްރެޒިލް އަދި ޕެރޫއަށްވެސް ލިބިފައިވަނީ ޖުމްލަ 4 ޕޮއިންޓެވެ. ގްރޫޕް އޭ ގެ އެއްވަނަ ޓީމެއް ޔަޤީންވެގެންދާނީ މިދެޓީމު ބައްދަލުކުރާ މެޗަށްފަހުގައެވެ.




