އެސްޓީއޯއިން 75 މިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިން ފެސިލިޓީއެއްގައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނާއެކު ސޮއިކޮށްފިއެވެ
މި އެއްބަސްވުމުގައި ސޮއިކުރީ އުޒުބަކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި ކުރިޔަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގަ އެވެ. މި އެއްބަސްވުމުގެ ދަށުން ފައިސާ ދޭން އެއްބަސްވި އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނަކީ އައިއެސްޑީބީގެ ޓްރޭޑް ފައިނޭންސިން ގޮތްޕެވެ.
މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ. އަދި ފައިނޭންސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރީ ސީއީއޯ ހާނީ ސާލެމްއެވެ.
ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނުން ބުނީ އެސްޓީއޯއަށް ދޫކުރި ފައިސާއަކީ ކޮވިޑާއި ގުޅިގެން ހީނަރުވެފައިވާ ރާއްޖޭގެ އިގުތިސާދު ދިރުވަން ކުރާ މަސައްކަތަށް މުހިންމު ފެސިލިޓީއެއް ކަމަށެވެ.
މި ޓްރޭޑް ފައިނޭންސިން ފެސިލިޓީއަކީ އިސްލާމިކް ފައިނޭންސިންގެ މުރާބަހާ ފައިނޭންސިން ފެސިލިޓީއެކެވެ. އެސްޓީއޯއިން މި ފެސިލިޓީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށެވެ.