ފޮޓޯ: މަޖިލިސް ގެލެރީ

ބަޔާން ނަގަން ބަޔަކު އަންނަން ޖެހޭ ސަބަބެއް ނެތް: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މެއި ހައެއްގައި ދިން ޓެރެރިސްޓު ހަމަލާއާއި ގުޅިގެން ހިންގާ ތަހުޤީގަށް އެމަނިކުފާނުގެ ބަޔާން ނެގުމަށް އެމަނިކުފާނުގެ އަރިހަށް ބަޔަކު އިނގިރޭސިވިލާތަށް އަންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

މެއި ފަހެއްގެ ހަމަލާ އާއި ގުޅިގެން ބަޔާން ދެއްވުމަށް ނަޝީދު ވަނީ އެއްބަސްވެވަޑައިގެންފައެވެ. ނަޝީދު ހުންނެވީ ބަޔާން ދިނުމަށް ތައްޔާރަށްކަން އަންގަވާ އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ޕީޖީ ހުސެއިން ޝަމީމަށް ފޮނުއްވެވި ސިޓީއެއްގައި ބުނީ، ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން އެ ބަޔާން ނެންގެވުމަށް ނަޝީދު އެދިވަޑައިގަންނަވާކަމަށެވެ.

އަދި އެމަނިކުފާނުގެ ބަޔާން ނެންގެވުމަށް ޓަކައި ޕީޖީ އޮފީހުން ބަޔަކު އިނގިރޭސިވިލާތަށް ފޮނުވަން ދަނީ މަޝްވަރާތަކެއް ކުރެވެމުން ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.

މިއަދު ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމަނިކުފާނުގެ ބަޔާނެއް ނަގަން ބަޔަކު އިނގިރޭސިވިލާތަށް އަންނަން ޖެހޭ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެއީ ނަޝީދުގެ މައްޗަށް އުފުލާ ދައުވާއެއް ނޫން ކަމަށް ވާތީ ކަމަށްވެސް ވިދާޅުވިއެވެ.

"..އެހެނަސް މޯލްޑިވްސް ޕޮލިސް ސަރިވިސް އިން ޔޫކޭގެ އިދާރާތަކާއި މަޝްވަރާ ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ދެކެން." ރައީސް ނަޝީދު ވިދާޅުވި އެވެ.

މި މައްސަލައިގެ ތަހުޤީގަށް ނަޝީދުގެ ބަޔާނެއް މުހިއްމުމަކަށް ތަހުޤީގީ އިދާރާތަކުން ހާމަކުރުމުން މީގެ ކުރިން ރައީސް ނަޝީދު އެކަމަށް ރައްދު ދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ބަހަކަށްވެސް އަދި ބަޔާނަކަށްވެސް ފުލުހުންނަށް ދެވޭނީ ލިބިފައިވާ ޒަހަމްތައް ކަމަށެވެ. އެހެންނަމަވެސް "ހިތާއި މޭ ހިބައިން ލިޔެދިނުމުންވެސް" އިންސާފް ނުލިބުނު ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ހައެއްފަހެއްގެ ހަމަލާއާއި ގުޅިގެން ފުލުހުން ވަނީ 10 މީހަކު ހައްޔަރުކޮށްފަ އެވެ. މި 10 މީހުންގެ ތެރެއިން ފަސް މީހުންނަށް ދައުވާ ކުރަން ފޮނުވި ނަމަވެސް އޭގެތެރެއިން ޕީޖީން ދައުވާ އުފުލީ ހަތަރު މީހެއްގެ މައްޗަށެވެ.

އެގޮތުން މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒު އަހުމަދުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް ގެ މައްޗަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ