ޕީޖީ ޙުސައިން ޝަމީމް - ފޮޓޯ: ސަން

އެސްއޯއެފަށް ދައުވާ ނުކުރަން ނިންމާފައެއް ނުވޭ: ޕީޖީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފައިސާ ބެހުމުގެ މެދުވެރިއެއްގެ ރޯލު އަދާކުރި ކަމަށް ތުހުމަތުކުރެވޭ ސްކޯސް އޮފް ލޭއާރސް (އެސްއޯއެފް)އަށް ނުކުރަން ނިންމާފައިނުވާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން މިހެން ވިދާޅުވެފައި މިވަނީ، އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސުޕްރީމް ކޯޓުގައި ހިންގާ ޝަރީއަތުގެ އެންމެ ފަހުގެ އަޑުއެހުމުގައި، މި މައްސަލައިގައި އެސްއޯއެފަށާއި އެ ކުންފުނީގެ ވެރިންނަށް ދައުވާ ނުކުރަން ނިންމައިފައިވާ ކަމަށް ދައުލަތުގެ ފަރާތުން ބުނުމާއި ގުޅިގެންނެވެ.

ދައުލަތުގެ ފަރާތުން ސްޕްރީމް ކޯޓުގައި ވަކީލުން ވިދާޅުވީ، އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތަހުގީގު ފެށިގެން އައި އިރު އެސްއޯއެފްގެ އިސް މީހުން ރާއްޖޭގައި ނެތް ކަމަށާއި އެހެންވެ އެ ކުންފުނީގެ މައްޗަށް ތަހުގީގު ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް ގިނަ އަދަދެއްގެ މީހުންނަށް ފައިސާ ފޮނުވައިފައިވަނީ އެސްއޯއެފުން ކަމަށްވާތީ، އެ މައްސަލައާ ގުޅިގެން ފައިސާ ދިޔަގޮތް ހޯދެން އޮތީ އޮތީ އެ ފައިސާ ގެންދިޔަ ފަރާތްތަކުގެ އެއްބާރުލުން ލިބިގެން ކަމަށް ދައުލަތުން ވިދާޅުވިއެވެ.

"...އަދި އެ ފަރާތްތަކުގެ އެއްބާރުލުން ހޯދުމަށްޓަކައި ދައުލަތަށް ގަބޫލުކުރެވެނީ އެ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ވުރެން އާންމު މަސްލަހަތު އޮތީ އެފަރާތްތަކުން ދޭ ހެކިބަސް ނުވަތަ އެ ފަރާތްތަކުން ދޭ އެއްބާރުލުމުގެ މައްޗަށް ބިނާކޮށް ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުން ކަމުގައިވާތީ އެގޮތުގެ މަތިން އެ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށް ދައުލަތުން ނިންމާފައި ވަނީ،" ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ނަމަވެސް ޕީޖީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މުޅި އެމްއެމްޕީއާރުސީގެ މައްސަލައިގައި އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފައި ނުވާކަމަށާއި، އެސްއޯއެފް އާ ދައުވާ ނުކުރަން ނިންމީ ޔާމީންގެ މައްޗަށް ދައުވާކުރާ މުއާމަލާތާ ގުޅިގެންކަމަށެވެ. އެގޮތުން  އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅޭ އެސްއޯއެފްގެ އެހެން މައްސަލަތަކުގައި އެކަށީގެންވާ ހެކި ހުރެއްޖެ ނަމަ، އެސްއޯއެފްއާ ދެކޮޅަށް ވެސް ދައުވާ ކުރާނެ ކަމަށް ޕީޖީން ވިދާޅުވިއެވެ.

އަދި އެ ނިންމުމަކީ މިހާރު ޕީޖީ ހުސެއިން ޝަމީމް އެ މަގާމާ ހަވާލުކުރުމުގެ ކުރިން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ޕީޖީން ހާމަކުރިއެވެ.

މި މައްސަލައިގައި ހިމެނޭ އެސްއޯއެފުން އެކި ފަރާތްތަކަށް 70 މިލިއަން ޑޮލަރާއި 100 މިލިއަން ރުފިޔާ ފޮނުވާފައިވާ ކަމަށް ސްޕްރީމް ކޯޓުގެ އިއްޔެގެ އަޑުއެހުމުގައި ދައުލަތުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ