ޔާމީން ދޫކޮށްލުމާމެދު މާދަމާ ގޮތެއް ނިންމަނީ

މަނީ ލޯންޑްރިންގެ މައްސަލައެއްގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަފާލާތުގެ ދަށުން ދޫކޮށްލުމާ މެދު މާދަމާ އޮންޑަ އަޑުއެހުމުގައި ގޮތެއް ނިންމާނެ ކަމަށް ސްޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ.

މިހާރު ކުރިއަށްދަނީ މި މައްސަލައިގައި އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލައިގެ އިސްތިއުނާފީ މައްސަލައެވެ. އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމާއި އަދި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުން ފަސްކޮށްދިނުމަށެވެ.

ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި ހުށަހަޅައިފައިވާ މައްސަލައާ ގުޅޭ ގޮތުން މިއަދު ގޮތެއް ނިންމާނެކަމަށް ކުރިން ސްޕްރީމް ކޯޓުން ބޭއްވި ރައީސް ޔާމީންގެ އަޑުއެހުމުގައި އޮތީ ވިދާޅުވެފައެވެ. ނަމަވެސް ހުލާސާ ގޮތެއްގައި ދެ ފަރާތުން ވާހަކަ ދެއްކުމަށް ގިނަ ވަގުތަކެއް ބޭނުންވާތީ އެކަމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރުގެ މަހާޒްގެ އިތުރުން ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއާއި ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ