ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ގެނެވުނު 6 ވަނަ އިޞްލާޙާއެކު، އެކުލަވާލެވުނު މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ދިވެހިރާއްޖޭގައި އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައެއް ކަނޑައަޅަ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލަށް އެރުވި ލަފާ ދިރާސާ ކުރަން ފަށައިފިކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިނިމަމް ވޭޖް ބޯޑުން ދީފައިވާ ލަފާ މިނިސްޓަރ ފައްޔާޒަށް އަރުވައިފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.
މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ވިދާޅުވީ، އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައެއް ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި މިނިމަމް ވޭޖް ކަނޑައެޅުމަށް މިނިސްޓަރަށް ލަފާ އެރުވުމަށް ކުރަމުން އައި މަސައްކަތްތައް ނިންމައި، 4 އޮކްޓޫބަރު 2021 ގައި މިނިމަމް ވޭޖާ ގުޅޭގޮތުން ބޯޑުން މިނިސްޓަރަށް ދޭ ލަފާ ވަނީ ފާސްކޮށްފައި ކަމަށެވެ. އަދި އެންމެ އެކަށޭނެ މިނިމަމް ވޭޖެއް ކަނޑައެޅުމަށް ބޯޑުން ވަނީ މުހިއްމު ގިނަ ނިންމުންތަކެއް ނިންމައިފައެވެ.
މިއަދު އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވީ، މި ލަފާ މިހާރު ދިރާސާކުރަން ފަށައިފައިވާ ކަމަށެވެ. އަދި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މި ނިންމުންތަކާއެކު މިނިސްޓަރަށް އެރުވި ލަފާގައިވާ ކަންތައްތައް ބަޔާންކޮށްފައިވެއެވެ.
މިނިސްޓްރީން މި ބަޔާނުގައި ހާމަކުރި ގޮތުގައި، މިނިމަމް ވޭޖު ކަނޑައެޅީ މައިގަނޑު ހަތަރު ދާއިރާއަކަށް ވަކިވަކިންނެވެ. އެއީ:
- ޕްރައިވެޓް ސެކްޓަރ:
ކުދި ވިޔަފާރިތައް
ޕްރައިވެޓް ސެކްޓަރގައި، ކުދި ފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 24.04 ރުފިޔާގެ ނިޞްބަތުން، ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަވެގެން މަސައްކަތްކުރެވޭނެ ގަޑިއިރުކަމަށް
ކަނޑައަޅާފައިވާ 48 ގައިޑިއިރުގެ ނިޞްބަތުން، މަހެއްގެ މައްޗަށް 4.333 ހަފްތާގެ ނިޞްބަތުން، މަހެއްގެ މައްޗަށް -/5,000 ރުފިޔާގެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ވަނީ ލަފާދީފައެވެ.
މެދު ފަންތީގެ ވިޔަފާރިތައް
ގަޑިއިރަކަށް 33.65 ރުފިޔާގެ ނިޞްބަތުން، ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަވެގެން މަސައްކަތްކުރެވޭނެ ގަޑިއިރުކަމަށް ކަނޑައަޅާފައިވާ 48 ގައިޑިއިރުގެ ނިޞްބަތުން، މަހެއްގެ މައްޗަށް 4.333 ހަފްތާގެ ނިޞްބަތުން، މަހެއްގެ މައްޗަށް -/7,000 ރުފިޔާގެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ބޯޑުން ވަނީ ލަފާދީފައެވެ.
ބޮޑެތި ވިޔަފާރިތައް
ޕްރައިވެޓް ސެކްޓަރގައި، ކުދި އަދި މެދު ފަންތީގައި ނުހިމެނޭ ވިޔަފާރިތަކަށް، ގަޑިއިރަކަށް 42.79 ރުފިޔާގެ ނިސްބަތުން، އެންމެ ގިނަވެގެން މަސައްކަތްކުރެވޭނެ ގަޑިއިރުކަމަށް ކަނޑައަޅާފައިވާ 48 ގައިޑިއިރުގެ ނިޞްބަތުން، މަހެއްގެ މައްޗަށް 4.333 ހަފްތާގެ ނިޞްބަތުން، މަހެއްގެ މައްޗަށް -/8,900 ރުފިޔާ އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ބޯޑުން ވަނީ ލަފާދީފައެވެ.
- ޕަބްލިކް ސެކްޓަރ (ސިވިލް ސާވެންޓުން)
ޕަބްލިކް ސެކްޓަރގައި، 6 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް -/7,000 ރުފިޔާ، ނުވަތަ 6 ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާގެ ރޭޓުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ބޯޑުން ވަނީ ލަފާދީފައެވެ.
މި މުހިއްމު ނިންމުންތަކުގެ އިތުރަށް ބޯޑުން ބޯޑުން ބުނީީ، ރާއްޖޭގައި ބިދޭސީންނަށް ދެވޭނެ އެންމެ ދަށް މުސާރަ ކަނޑަ ނާޅާކަމަށެވެ. އަދި މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ބިދޭސީ މަސައްކަތްތެރިންނަށް، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ ޢަދަދާ ގުޅޭގޮތުން، އިތުރަށް ދިރާސާކުރުމަށްފަހު ފަހުގެ މުއްދަތެއްގައި ލަފައެއް ދޭނެކަމަށެވެ. އަދި ބިދޭސީންނަށް ދޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ފަހު އެއަށް އަމަލުކުރަން ފަށަން ޖެހޭ މުއްދަތު ފަސް އަހަރަށް އިތުރުކުރަން ބޯޑުން ލަފާ ދިން ކަމަށް ވެސް ބަޔާނުގައިވެއެވެ.
މި ލަފާތައް ބަޔާންކުރުމަށްފަހު މިނިސްޓްރީން ނެރުނު ބަޔާނުގައި ޖުމްލަ ގޮތެއްގައި ބުނެފައިވަނީ ބޯޑުން ދިން ލަފާ މިހާރު ދިރާސާކުރަމުން އަންނަ ކަމަށެވެ.
"އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ އަދަދާ ގުޅޭގޮތުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް އަރުވާފައިވާ ލަފާ، ޤާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން މިމިނިސްޓްރީން ދިރާސާކުރަމުންގެންދާ ކަމަށާއި، މި ދިރާސާއަށްފަހު ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައަޅައި ޢާންމުކުރާނެ ވާހަކަ ދެންނެވީމެވެ." އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.



