ޝަރީއަތް ނިމެންދެން "ވާނުވާ" ގައި މާލޭ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު މަރުވި ހާދިސާގައި ކަރެކްޝަންސްއިން އިހުމާލު ވެފައިނުވާ ކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މި މަހުގެ ފަސް ވަނަ ދުވަހު މަރުވި ގައިދީ އަކީ މ. މަލަސް, އިސްމާއީލް ޝަބީން ،46، އެވެ. މަރުވިއިރު އޭނާއަކީ ހަކުރު ބައްޔަށް ބޭސްކުރަމުން ދިޔަ މީހެކެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިނިސްޓަރަށް ސުވާލުކުރެއްވުމުން، ޖަވާބުގައި ވިދާޅުވީ، މިފަދަ މައްސަލައެއްގެ ރިޕޯޓެއް ކުރެވުމާއެކު ހޯމް މިނިސްޓްރީގެ ފަރާތުން އިންސްޕެކްޓާ އޮފް ކަރެކްޝަންސްއިން އެ މައްސަލަ މިނިވަން ކަމާއެކު ބަލާނެ ކަމަށެވެ. އަދި، އެޗްއާރްސީއެމާއެކުވެސް އެ މައްސަލަ އިތުރަށް ތަހުގީގުކުރާނެކަމަށެވެ.
އެގޮތުން އިންސްޕެކްޓާ އޮފް ކަރެކްޝަންސް އާއި އެޗްއާރްސީއެމުން އުފައްދާ ރިޕޯޓަކީ ކަރެކްޝަންސްގެ ރިޕޯޓާ މުޅިން ތަފާތު ރިޕޯޓެއް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ބަަލައިފިން. އެކަމުގައި އެއްވެސް ފަރާތަކުން ފަރުވާކުޑަކޮށްގެން، އަދާކުރަން ޖެހޭ ޒިންމާއެއް އަދާނުކޮށްގެން އަދި އެއްވެސްް ފަރާތަކުން ޒިންމާވާންޖެހޭ ފަަދަ ކަމެއް އޮވެގެން، މައްސަަލަ ދިމާވެފައި އޮތް ކަަމަށް ގަބޫލުކުރެވޭނެ އެއްވެސް ރިޕޯޓެއް ނެތް،" އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ގައިދީންގެ ބޭސްފަރުވާގެ ކަންކަން ހޯމް މިނިސްޓްރީން ރަނގަޅަށް ބަލަމުންދާކަމަށާއި، ގައިދީން ނަކީވެސް އެހެން ބޭފުޅުންނެކޭ އެއްފަދައިން ބަލިވާނެ ބައެއް ކަމަށާއި، ބޭސްކުރުމުގައި ފަރުވާ ކުޑަކޮށް ޒިންމާ އަދާކުރޭތޯ މިނިސްޓްރީން ބަލާނެ ކަމަށެވެ.
އިމްރާން ފާހަގަކުރި ގޮތުގައި ގައިދީންނަށް ބޭސް ފަރުވާ ނުދީގެން މައްސަލަތައް ފެންމަތިވެގެން ރެކޯޑުތައް ބަލާއިރު، ދައްކަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ވެސް ދައްކައިފަައިވާކަމަށެވެ.
"އެންމެ ފަހުން ޖަލުން ދޫކޮށްލި ފަރާތެއް ޑޮކްޓަރަށް ނުދައްކައިގެން އަޅުގަނޑުމެން ބެލި އިރު އެއް އަހަރު ތެރޭގައި 40 ފަހަރަށް ޑޮކްޓަރަށް ދެއްކިފަ ހުރީ. އަޅުގަނޑުމެން ބޭރުގަ ތިބޭ ފަރާތްތަކުން ވެސް ހިޔެއް ނުވޭ އެވަރަށް ޑޮކްޓަރަށް ދެއްކޭނެ ހެނެއް،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ ޝަބީންގެ މައްސަލައިގައި ޑޮކްޓަރަށް ދެއްކިތޯ އާއި ޑޮކްޓަރު ބުނި ގޮތަށް އަމަލުކުރިތޯ ކަށަވަރު ކޮށްފައިވާނެ ކަމަށާއި އަދި އެކަން ހުރީ އެންމެ ފުރިހަމައަށް ކޮށްފައިކަން ކަށަވަރުކޮށްފައިވާ ކަމަށެވެ.
އިމްރާން ވިދާޅުވީ މި މައްސަލައިގައި ގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްްއަތާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާ އެކު ގިނަ ބައްދަލުވުންތަކެއް ބާއްވަވާފައި ވާނެކަމަށެވެ. އަދި މި މައްސަލައިގައި އެންމެ ބޮޑަށް ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ފަރާތަކީ ޕީޖީ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.