މާލޭ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އޮފީހުން ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ފުލުހުން ހޯދައިފިއެވެ.
ފުލުހުން ހޯދައިފައި ވަނީ އެ އޮފީހުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ޕްރޮޖެކްޓަރަކާއި ދެ ލެޕްޓޮޕާ އަދި ލެޕްޓޮޕްގެ ދެ ޗާޖަރެވެ.
ފުލުހުން ބުނީ، މި ޑިސެމްބަރ މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު ހުށަހެޅި އެ މައްސަލައާ ގުޅިގެން އެ ތަކެތި ހޯދާފައިވަނީ ޑިސެމްބަރ 13 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ކަމަށެވެ.
ގަލޮޅު ޕޮލިހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެ ތަކެތި ހޯދާފައިވަނީ މާލޭގެ ހަނި ގޯޅިގަނޑެއްގައި ފޮރުވާފައިހުއްޓާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ. ނަމަވެސް މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




