ފިލިޕީންސްއަށް މިދިޔަ ބުރާސްފަތި ދުވަހު އެރި ބާރުގަދަ ތޫފާން، " ތޫފާން ރާއި"ގަިއ މަރުވި މީހުންގެ އަދަދު 75 އަށް އަރައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފިލިޕީންސް އަށް އެރި މި ތޫފާންގެ އަސަރު އެންމެ ފުރަތަމަ ކޮށްފައިވަނީ ފިލިޕީންސްގެ ސިއާރްގާއޯ ރަށަށެވެ. އެދުވަހު ގަޑިއަކު 195 ކިލޯމީޓަރުގެ ގަދަވަޔާއެކު އެ ސަރަހައްދަށް ބޯކޮށް ވިއްސާރަ ވެހިފައިވެއެވެ.
ފިލިޕީންސަށް އެރި ތޫފާނުގައި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އެ ޤައުމުގެ ދެކުނާއި މެދުތެރޭގެ ހިސާބުތަކުގެ ރަށްތަކަށެވެ. އެގޮތުން މެދުތެރޭގައި އޮންނަ ޕުރޮވިންސެއްކަމަށްވާ ބޮހޯލް އަށް ތޫފާންގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ތޫފާނުގެ ސަބަބުން އެ ޕުރޮވިންސުން 49 މީހުން މަރުވިއެވެ.
ކަމާ ބެހޭ ފަރާތްތަކުން އެންމެ ފަހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޮހޯލް އިން މަރުވި ގިނަ އަދަދެއްގެ މީހުންނާއެކު، މި ތޫފާނުގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު 75 އަށް ވަނީ އަރައިފަ އެވެ. އަދި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން އަދިވެސް ކުރަމުން އަންނަ ކަމަށެވެ.
މި ތުފާންގެ ސަބަބުން ފިލިޕީންސްގެ ރަށްތަކުގައި ދިރިއުޅޭ މީހުންގެ ގެތަށް ބިމާއި ހަމަވެ، އެތައް ސަތޭކަ މީހުންނެއް ވަނީ އެސަރަހައްދުތައް ދޫކޮށް ރައްކާތެރިކަ ސަރަހައްދުތަކަށް ދާން މަޖުބޫރުވެފައެވެ. ޔުނައިޓެޑް ނޭޝަން(ޔޫއެން) އިން ބުނެފައިވާ ގޮތުގައި، މި ތޫފާންގެ ސަބަބުން ފިލިޕީންސްގެ 13 މިލިއަނެއްހާ މީހުންނަށް ތޫފާންގެ އަސަރު ފޯރާނެއެވެ.
ފިލިޕީންސް އަކީ ކޮންމެ އަހަރަކުވެސް ބާރުގަދަ ތޫފާންތައް ކުރިމަތިވާ ގައުމެކެވެ. އެގޮތުން ފިލިޕީންސް އަށް އާއްމުކޮށް ކޮންމެ އަހަރަކު ވިހި ވަރަކަށް ތޫފާންގެ އަސަރު ކުރެއެވެ.



