ޢިލްމު އުނގެނިވަޑައިގެން ތިއްބަވާ ބޭފުޅުންގެ ދަރަޖަ މާތް ﷲ އުފުއްލަވާނެކަމަށް އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ޢިލްމު އުނގެނުމުގެ މުހިންމުކަމުގެ މައްޗަށް ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލާފައިވާ އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ، ޢިލްމުވެރިންނަށް މަދަޙައިގެ ބަސްފުޅު ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ކަމަށެވެ.
"ތިޔަބައިމީހުންގެ ތެރެއިން އީމާވި މީހުންނާއި، ޢިލްމު ލިބިގެންވާ މީހުން ﷲ ދަރަޖަ އުފުއްލަވާނެތެވެ. ﷲ އީ، ތިޔަބައިމީހުން ޢިލްމު ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." މާތް ﷲ ގެ ވަޙީ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ހަމަކަށަވަރުން، ﷲ، އެކަލާނގެ ފިޔަވައި (ޙައްޤުވެގެން އަޅުކަންވެވޭ) އިލާހަކު ނުވާކަމަށް ހެކިވަމެވެ. (އެކަލާނގެ ހެއްދެވި ތަކެތި ތަދުބީރު ކުރެއްވުމުގައި) ޢަދުލުވެރި ކަމާއިގެން އެކަލާނގެ ޤާއިމުވެ ވޮޑިގެންވެއެވެ. އެކަލާނގެ މެނުވީ (ޙައްޤުވެގެން އަޅުކަންވެވޭ) އިލާހަކު ނުވެތެވެ. (އެކަލާނގެއީ) ޢަޒީޒުވަންތަ، ޙަކީމުވަންތަ ރަސްކަލާނގެއެވެ." މާތް ﷲ ގެ އިތުރު ވަހީބަސްފުޅެއްގެ މާނައިގައިވެއެވެ.
މި އާޔަތަށް އިޝާރަތް ކުރައްވައި އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ، މާތް ﷲ ގެ ޛިކުރު ކުރެއްވުމަށްފަހު އެކަލާނގެ މަލާއިކަތުންގެ ވާހަކަ ޛިކުރު ކުރައްވާފައި ދެން ޢިލްމުވެރިންގެ ވާހަކަ އައުމުން ޢިލްމުވެރިންގެ ޝަރަފާއި، މާތްކަން އަދި މަތިވެރިކަން އެނގިގެންދާ ކަމަށެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވެފައިވަނީ، ދަންނަ މީހުންނާއި ނުދަންނަ މީހުން އެއް ހަމަވެގެން ނުވާނެކަން ބަޔާންކޮށް މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، "ކަލޭގެފާނު ވިދާޅުވާށެވެ. ދަންނަ މީހުނާއި، ނުދަންނ މީހުން ހަމަހަމަވާނެ ހެއްޔެވެ؟" ކަމަށެވެ.
"ހަމަކަށަވަރުންވެސް ދަންނަ މީހުންނާއި ނުދަންނަ މީހުން އެއްވަރެއް ނުވާނެއެވެ! ޢިލްމު އުނގެނި ޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހުންނަކީ މާތް ﷲއަށް އެންމެބޮޑަށް ބިރުވެތިވާ މީހުންނެވެ. ތަޤްވާވެރިވާ މީހުންނެވެ." ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
ޢިލްމުވެރިންނަށް ޚާއްޞަ ކަންތައްތަކެއް މާތް ﷲ ދެއްވާފައިވާ ކަމަށާއި، އޭގެ ތެރެއިން އެއް ކަމަކީ މަލަކޫތީ ޢާކަމުގައިވާ މަލާއިކަތުންނާއި ކަނޑުގައިވާ މަސްތައް ޢިލްމުވެރިންނަށް ފާފަފުއްސަވައި ދެއްވުން އެދި ދުޢާ ކުރުން ކަމަށް ޚުޠުވާގައި ވިދާޅުވެފައިވެއެވެ.



