ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ޗުއްޓީތެރޭގައި މީހުން އެއްވާ ހަރަކާތްތައް މަދުކުރަން އިލްތިމާސްކޮށްފި

ކުރިއަށްއޮތީ ދިރާސީ އަހަރު ގެ ޗުއްޓީ ދުވަސްވަރު ކަމުން، މި ދުވަސްވަރު ކޮވިޑް-19 ގެ ފިޔަވަޅުތަކަށް އިތުރަށް ސަމާލުކަން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން އިލްތިމާސްކޮށްފި އެވެ.

ސްކޫލުތަކުގެ ފުރަތަމަ ޓާމު ކިޔެވުން ނިމި، ޗުއްޓީ ލިބުމާއި ގުޅިގެން އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރިއަށްއޮތީ ދިރާސީ އަހަރު ގެ ޗުއްޓީ ދުވަސްވަރު ކަމުން، މި ދުވަސްވަރު ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ދަތުރު ފަތުރު
ކުރުމާއި ގޭގެއަށް ޒިޔާތަރަތް ކުރުން އިތުރުވުމާއި ޚިތާނީ ހަފްލާ ފަދަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރު ވެގެން ދާނެ ކަމަށެވެ.

އެހެންކަމުން، ކޮވިޑް 19 އަދި މިނޫންވެސް އެހެނިހެން ގައިގައިން އަރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހާއްސަކޮށް ގިނަ މީހުން އެއްވެ އުޅުމަށް މަގުފަހިވާފަދަ ހަރަކާތްތައް މަދުކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެއެވެ.

އެޗްޕީއޭއިން މިދުވަސްވަރު ކޮވިޑުން އިތުރަށް ރައްކާތެރިވެ ތިބުމަށް އިލްތިމާސްކުރީ، ކޮވިޑް-19 ގެ އާ ވޭރިއަންޓް އޮމިކްރޮން ދުނިޔޭގެ އެހެން ގައުމުތަކުގައި އާދަޔާ ހިލާފަށް ފެތުރެމުންދިއުމާއެކު، ރާއްޖެއިންވެސް މި ވޭރިއަންޓް ފެނިފައިވާތީއެވެ. އެގޮތުން ގިނަ ކަންތައްތަކެއްގައި ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރިއެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ސަމާލުކަން ދޭންވީ ކަންކަން:

  • ކޮވިޑް 19ގެ އެއްވެސް އަލާމާތެއް ހުރި ނަމަ ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ނުލިބެނީސް ދަތުރުނުކުރުން.
  • ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވުން
  • ދަތުރުކުރުމުގެ ކުރިން، ދާ ޤައުމުގެ ކޮވިޑް ހާލަތާއި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަހުލުވެރިވުން
  • ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ޤައުމުތަކަށް ދަތުރުކުރުން ފަސްކުރުން
  • ދަތުރުކުރުމުގެ ކުރިން، ވެކްސިން ޖަހާ އުމުރުގެ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުން އަދި ބޮސްޓަރ ޑޯޒް ޖެހުމަށް ޝަރުތުހަމަވާނަމަ ދަތުރުކުރުމުގެ ކުރިން ބޮސްޓަރ ޑޯޒް ފުރިހަމަ ކުރުން
  • ގިނަ މީހުން އެއްވާ ތަންތަނަށް ދިއުން މަދު ކުރުން ސިއްހީ ފަރުވާދޭ މަރުކަޒަކަށް ދާނަމަ، ނުވަތަ ގިނަ މީހުން އުޅޭ ތަންތަނުގައާއި ބަންދު ތަންތަނުގައި ރަނގަޅަށް މާސްކް އަޅައިގެން އުޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުން.
  • ދަތުރުކުރާ ޤައުމުގައި މާސްކު އެޅުންފަދަ ކަންކަން ލުއިކޮށްފައި ވީނަމަވެސް، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭރަށް ނުކުންނައިރު އަދި އެހެން މީހުންނާ ބައްދަލުވާއިރު މާސްކް އަޅައިގެން އުޅުން. އަދި ގައި ދުރުކަން ބެހެއްޓުމާއި އަތް ސާފުކުރުން.
  • ދަތުރުމަތީގައި އުޅޭއިރުވެސް ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ އަވަހަށް ޓެސްޓް ކުރުމާއި އެކަހެރިވެ އުޅުން
  • ރާއްޖެ އަނބުރާ އައުމަށްފަހު، ވެކްސިން ފުރިހަމަނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގޮތުގެ މަތިން ކަރަންޓީނު ވުން. ވެކްސިން ޖަހާފައިވާ ފަރާތްތަކުފަރާތްތަކުން ރާއްޖެ އަންނަތާ 3-5 ދުވަހުގެ ތެރޭގައި ޕީ.ސީ.އާރް ޓެސްޓް ހެދުން

ރާއްޖޭގައިއެއްތަނުން އަނެއް ތަނަށް ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންކަން:

  •  ކޮވިޑް 19 ގެ އެއްވެސް އަލާމާތެއް ހުރި ނަމަ ދަތުރުނުކުރުން އަދި ވީހާވެސް އަވަހަށް ޓެސްޓް ކުރުން އަދި ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވުން
  • ދަތުރުކުރުމަށް ފަހުވެސް ޕޮޒިޓިވް ކޭހެއްގެ ކޮންޓެކްޓަކަން ވެއްޖެނަމަ އެކަން ހުރި ރަށެއްގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒަކަށް ވީހާވެސް އަވަހަށް އެންގުން. މާލޭގައި ނަމަ HPA ގެ ( 1676 ) އަށް އެންގުން . ބޭރުގައި އުޅޭއިރު އާއި ގޭގެއަށް ޒިޔާރަތްކުރާއިރު މާސްކް އަޅައި، ގައި ދުރުން ބެހެއްޓުން
  • ކޮވިޑްގެ އަލާމާތެއް ފެނިއްޖެނަމަ ޓެސްޓް ކުރުން
  • ދަތުރުކުރުމުގެ ކުރިން، ވެކްސިން ޖަހާ އުމުރުގެ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުން އަދި ބޫޓަރ ޖަހަން ހުޅުވާލާފައިވާ ކެޓަގަރީ ތަކުގައި ހިމެނޭ ފަރާތެއް ނަމަ ދަތުރުކުރުމުގެ ކުރިން ބޮސްޓަރ ޑޯޒް ފުރިހަމަ ކުރުން
  • ގިނަ މީހުން އެއްވާ ތަންތަނަށް ދިއުން މަދު ކުރުން

ޚިތާނީ ހަފްލާތަކާއި ބާޒާރުތައް އަދި ގިނަ މީހުން އެއްވާ ހަފްލާތަކާއި ހަރަކާތްތައް އިންތިޒާމުކުރުމާއި، އެތަންތަނަށް ދިއުމުގައި ސަމާލުކަން ދޭންވީ ކަންކަން:

  • ގިނަ މީހުން އެއްވާ ފަދަ ހަރަކާތްތައް، ޚާއްސަކޮށް އެކި ރަށްރަށުން މީހުން އަންނަ ފަދަ ކަންކަން ކުރުމުގައި ވީހާވެސް މަދުކުރުން ނުވަތަ މިވަގުތަށް ފަސްކުރުން.
  • މިފަދަ ހަރަކާތެއް ބާއްވާނަމަ ވީހާވެސް ހާމަ ތަނެއްގައި ބޭއްވުން
  • ޕާރޓީތަކާއި ހަފްލާތަކާއި ޚިތާނީ ތައް ބޭއްވުމުގައި އެޗް.ޕީ.އޭގެ ގައިޑްލައިން ތަކާ އެއްގޮތަށް ބޭއްވުން. ޚާއްސަކޮށް، މިތަންތަނަށް ފަރާތްތަކުން ކާ ވަގުތު ފިޔަވައި އެހެން ވަގުތު ތަކުގައި މާސްކް އަޅައިގެން ތިބޭކަން އިންތިޒާމު ކުރައްވާ ފަރާތްތަކުން ޔަޤީން ކުރުން
  • ވަދެ ނުކުންނަ ސަރަހައްދުގައާއި ތަނުގެ ތެރޭގައި ސެނިޓައިޒަރ ބަހައްޓާފައި ހުރުން
  • ތަނުގެ ތެރޭގައި މީހުން ބޮޑި ނުވާނޭހެން އިންތިޒާމު ކޮށްފައި ބެހެއްޓުން
  • ހައި ރިސްކް ފަރާތްތައް މިފަދަ ތަންތަނަށް ދިއުން މަދު ކުރުން.
  • ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި ނަމަ ނުދިއުން، އަދި ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ނަމަވެސް، އަލާމާތްތައް ރަނގަޅުވަންދެން ނުގޮސް މަޑުކުރުން

އެޗްޕީއޭ އިން ބުނީ، ކޮވިޑް-19 ގެ އާ ޓޭރިއަންޓްތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާތީވެ މިދުވަސްވަރު ކޮވިޑް-19 އިން ތިމާއާއި، އާއިލާ އަދި މުޖުތަމައު ރައްކާތެރިކުރުމަށް ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަބަދުވެސް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ