މިނިވަން މުއައްސަސާތަކުގައި ތިބޭ މެމްބަރުންނަށް ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި، މަޖިލިސް މެމްބަރުންގެ ފިއްތުންތައް ކުރިމަތިކުރުވައި މިނިވަން މުއައްސަސާތަކުގެ ހިންގުމާއި މަސައްކަތްތަކަށް ސިދާ ގޮތުން ނުފޫޒު ފޯރުވައި، ކޮމިޝަންތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލުވާލަން މަސައްކަތްކޮށްފައިވާކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ތުހުމަތުކޮށްފި އެވެ.
ޓްރާންސްޕޭރަންސީން މިފަދަ ތުހުމަތެއް ކޮށްފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން 26 ޑިސެންބަރު 2021 ވަނަ ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތިން މެންބަރުން ވަކިކުރަން ފާސްކޮށް، ތަޅުމަށް ފޮނުވުމަށް ނިންމާފައިވަނިކޮށް، އެ މެމްބަރުންވަނީ އިސްތިއުފާ ދެއްވާފައިވަނިކޮށެވެ.
ޓްރާންޕޭރަންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޭސީސީގެ މެންބަރުން މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުމަށްފަހު ފިޔަވަޅުއެޅުމުގެ ގޮތުން މި ކުރެވުނު މަސައްކަތުގައި ވަރަށް ބޮޑެތި މައްސަލަތަކެއް ހުރިކަން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ކަންބޮޑުވުންތައް:
- ޖެނުއަރީ 2015 އިން ޖުލައި 2020 އަށް، 5 އަހަރާއި 6 މަސް ދުވަހުގެ ޕާފޯމަންސް އޮޑިޓު ރިޕޯޓެއް ތައްޔާރުކުރެވުނުއިރު، މިޕާފޯމެންސް އޮޑިޓުގެ މުއްތަދުގެ ތެރެއިން މެންބަރުން ކޮމިޝަނުގައި ހިދުމަތް ކޮށްފައިވަނީ ހަމައެކަނި 10 މަސްދުވަހުގެ މުއްދަތަކަށްވުމުން މި ޕާރފޯމަންސް އޮޑިޓްގައި ބެލިފައިވާ ގިނަ މަސައްކަތްތަކަކީ އެ މެންބަރުންގެ ކޮމިޝަނާއި ހަވާލުވުމުގެ ކުރީގެ މަސައްކަތްތަކަށްވުން އަދި ފަހުން އައްޔަނު ކުރެވުނު މެންބަރުންގެ މަސައްކަތްތައް ޖުމްލަކޮށް އަދި ވަކި ވަކިން ވެސް އަލިއަޅުވާލެވިފައިނުވުން.
- މިނިވަން މުއައްސަސާތަކުގައި ތިބޭ މެމްބަރުންނަށް ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި، މަޖިލިސް މެމްބަރުންގެ ފިއްތުންތައް ކުރިމަތިކުރުވައި މިނިވަން މުއައްސަސާތަކުގެ ހިންގުމާއި މަސައްކަތްތަކަށް ސިދާ ގޮތުން ނުފޫޒު ފޯރުވައި، ކޮމިޝަންތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލުވާލަން މަސައްކަތްކޮށްފައިވުން.
- ފާއިތުވެދިޔަ އަހަރުތަކުގައި މިނިވަން މުއައްސަސާތަކުން މެންބަރުން ވަކިކޮށް، ވަކި ސިޔާސީ ފިކުރަކަށް ނިސްބަވާ ފަރާތްތައް މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް އައްޔަން ކުރުމުގެ ނަތީޖާއަކަށްވީ، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން އަދި މުސްތަގިއްލު ކަމާއިމެދު ސުވާލު އުފެދި، އެ މުއައްސަސާތަކުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަސްޖެހި ނުވަތަ އިހުމާލުވުން. އެގޮތުން، އޭސީސީގެ މެމްބަރުންނަށް ބިރުދައްކާ، ވަކިކުރުމުގެ މަރުހަލާގެ ކަންކަން ހިންގާފައިވަނީ އޭސީސީގެ މައްޗަށް ނުފޫޒުފޯރުވުމަށާއި އެމުއައްސަސާގެ މިނިވަންކަމަށް ބުރޫއަރާނެ ފަދަ އަމަލުހިންގުމަށް މަގުފަހިކުރުމަށް ކަމަށް ބެލުމުގެ ފުރުސަތު އޮތުން.
- އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި, އަދި އޭސީސީއަށް އެ މައްސަލަތައް ހައްލުކުރުމަށް ފުރުސަތު ނުދީ، އަދި ހައްލުކުރުމަށް ބޭނުންވާ އެއްބާރުލުމާއި ބަޖެޓް އަދި ވަސީލަތްތައް ފޯރުނުކޮށްދީ، ކޮމިޝަންގެ މެންބަރުން ވަކިކޮށް މުޅި ކޮމިޝަން އެއްކޮށް ބަދަލުކުރި ނަމަވެސް، އޭސީސީއަށް ކުރިމަތިވެފައިވާ ނިޒާމީ ގޮންޖެހުންތަކަށް އެދެވޭ ބަދަލެއް ނުގެނެވޭ ހާ ހިނދަކު އޭސީސީގެ މަސައްކަތްތައް އެންމެ ފުރިހަމަކޮށް އަދި އެންމެ މިނިވަންކޮށް ކުރުމުގެ ފުރުސަތު ކުޑަވުން.
- ފާއިތުވި އަހަރުތަކުގައި، ސަރުކާރާއި މަޖިލީހުން މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަނުކުރުމުގެ މަސައްކަތް ދިގުލައި ލަސްކުރުމުގެ ސަބަބުން، ރައްޔިތުންގެ ހައްގުތަކެއްވަނީ ގެއްލިފައި. އޭސީސީގެ މެންބަރުންގެ ގޮނޑިތައް ދިގުމުއްދަތަކަށް ހުސްވެއްޖެ ނަމަ، ސިޔާސީ ފަރާތްތައް ޒިންމާދާރުކުރުވުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރަމުންދާ މި މުއައްސަސާގެ ތަހުގީގުތަކަށާއި، މަސައްކަތްތަކަށް ނޭދެވޭ އަސަރުކުރުވާ، މިހާރު ކުރިއަށްދާ ބޮޑެތި މައްސަލަތަކުގެ ތަހުގީގުތައް މެދުކެނޑުމުގެ ފުރުސަތުބޮޑުވެ، އިތުރަށް ދިގުލައިގެން ދިއުމަށް މަގުފަހިވުން.
- މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މެންޑޭޓް އަދާކުރުމަށް ބޭނުންވާ އެކަށޭނެ ބަޖެޓާއި މާލީ މިނިވަންކަން އަދި ހިންގުމުގެ މަސައްކަތް ހަރުދަނާކުރުމަށް ކޮންމެހެން ބޭނުންވާ މުހިންމު ވަސީލަތްތަކާއި ނިޒާމުތައް ހޯދައިދިނުމަށް ސަރުކާރާއި މަޖިލީހުން ސިޔާސީ ގޮތުން ނުކުޅެދިފައިވުން.
ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ހުށަހެޅުންތަކާއި ގޮވާލުންތައް:
- އޭސީސީގެ މަސްއޫލިއްޔަތު އަދާކުރުން މެދު ކެނޑުނަ ނުދިނުމަށާއި، ކޮރަޕްޝަންގެ މައްސަލަތައް ބެލުން މަޑުޖެހުނަ ނުދިނުމަށްޓަކައި، އޭސީސީގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އައްޔަނުކުރުމުގެ މަސައްކަތް ވަގުތު ނަގާނުލާ އަވަހަށް ކުރިއަށްގެންދިއުން. އަދި އޭސީސީއަށް އައްޔަނުކުރެވޭ މެންބަރުންނަކީ ނަޒާހަތްތެރި، އަދި ސިޔާސީ އަދި ޕާޓީތަކުގެ ނުފޫޒުން ވަކިވެފައިވާ ބައެއްކަން ކަށަވަރުކުރުން.
- މިނިވަން މުއައްސަސާތަކާއި އެމުއައްސަސާތަކުގެ މެމްބަރުންނަށް ކުރިމަތިކުރުވާ ސިޔާސީ އަދި ޕާޓީ ފިއްތުންތަކާއި ބިރުދެއްކުން ހުއްޓުވާ މިނިވަންކަމާއި އެކު މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުން.
- މިނިވަން މުއައްސަސާތައް އެމުއައްސަސާއެއްގެ މަސްއޫލިއްޔަތު މިނިވަންކަމާއި އެގޭ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ ބަޖެޓާއި، ވަސީލަތްތަކާއި އިކުއިޕްމެންޓު މުއައްސަސާތަކަށް ފޯރުކޮށްދިނުން. އަދި އޭސީސީގެ އިންވެސްޓިގޭޓިވް އެންޑް އިންޓެލިޖެންސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ބޮޑެތި މާލީ ކުށްތަކުގެ ތަހުގީގުތައް ހިންގާނެ ގޮތުގެ ފަންނީ ގާބިލްކަން އިތުރުކުރުން.
- މުއައްސަސާތައް ގަވާއިދުން އޮޑިޓުކޮށް، ކުރެވޭ އޮޑިޓުތަކަކީ އެ މުއައްސަސާތަކުން ކުރާ މަސައްކަތްކަށް ފުރިހަމައަށް އަލިއަޅުވާލެވޭ އޮޑިޓުތަކެއްކަން ޔަގީންކޮށް، އަދި އެ އޮޑިޓުތަކުން ފާހަގަވާ ކަންކަން ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތަކީ، މަތި އޮމާންކުރުމަށް އަޅާފިޔަވަޅުތަކަކަށް ނުހަދާ، މާނަވީ ހައްލުތަކެއްކަން ޔަގީންކުރުން.