ޔޫތް މިނިސްޓަރ މަޙްލޫފް - ފޮޓޯ: ވަގުތު

މިނިސްޓަރ މަޙްލޫފްގެ އޯގާތެރިކަމަށް ތައުރީފް އޮހެނީ

ދިވެހިރާއްޖެއަކީ ނިސްބަތުން ބިދޭސީން ގިނަ ޤައުމެކެވެ. ނަތީޖާއެއްގެ ގޮތުން ޤައުމަށް ދިމާވެފައިވާ ޤައުމީ މައްސަލަތަކުގެ ތެރޭގައިވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ވަނީ ވެފައެވެ. ކަން މިހެން އޮތްހިނދު ބިދޭސީންނާމެދުގައި ލާއިންސާނީ ގޮތްގޮތަށް އަމަލުކުރާކަމުގެ އަޑުތައް އަބަދުވެސް އިވެއެވެ.

ނަމަވެސް މިފަހަރު މުޅިން ތަފާތު އަޑަކާއި، މުޅިން ތަފާތު މަންޒަރެކެވެ. ބިދޭސީންނާ މެދުގައި ދިވެހިރާއްޖޭގެ އަދުގެ ސަރުކާރުގެ ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ބެހެއްޓެވި އޯގާތެރިކަމަށް އޮހެމުންދާ ތައުރީފުގެ ވާހަކައެވެ.

"ކްރިކެޓް ވޯލްޑްކަޕް 2019" ފެށިގެން ކުރިއަށްދާއިރު، ރާއްޖޭގައި ދިރިއުޅޭ ގިނަ ބިދޭސީން އެ މުބާރާތަށް ވަރަށް ސަމާލުކަންދެއެވެ. މި ދަނޑިވަޅުގައި މާލޭގެ ކެފޭތަކާއި، ބޭރަށް ފެންނަން ހުންނަ ޓީވީތައް ބަލަން ބިދޭސީން އެތަންތަނުގެ ބޭރުގައި މަގުމަތީގައި ތިބޭ މަންޒަރު މިފަހަރު ބަދަލުކޮށްލެއްވީ މިނިސްޓަރ މަޙްލޫފުއެވެ.

ބިދޭސީންވެސް އެމީހުންގެ ޤައުމީ ރޫހުގައި ޓީމުތަކަށް ސަޕޯޓްކޮށް ކްރިކެޓް މެޗުތައް ބަލާލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ނިންމައި، މާލޭ ސޯޝަލް ސެންޓަރާއި، އެކުވެނީގައި ބިދޭސީންނަށް ކްރިކެޓް ބޮޑު ސްކްރީނުގައި ބެލޭނެ އިންތިޒާމް މީޑިއާނެޓާއި ގުޅިގެން ޔޫތް މިނިސްޓްރީން ވަނީ ހަމަޖައްސައިފައެވެ. އެއާއެކު ރޭގައި ފެނިގެންދިޔައީ އެތަންތަނުގައި އެތައް ސަތޭކަ ބިދޭސީންނެއް މެޗު ބަލަމުންދިޔަ ހިތްގައިމު މަންޒަރެވެ.

ޔޫތް މިނިސްޓަރ މަޙްލޫފްގެ މި އޯގާތެރިކަމާއި، އިޙްސާންތެރިކަމަށް އެތައް ބައެއްގެ ތައުރީފާއި ލޯބި އެދަނީ އޮހެމުންނެވެ. މީސްމީޑިއާގައި އެތައް ބަޔަކު ފާޅުކުރަމުންދާ ޝުޢުރުތަކުން އެކަމަށް ހެކިދެއެވެ.

މަޙްލޫފުގެ މި ޓްވީޓާއި، ފޭސްބުކް ޕޯސްޓަށް ކޮމެންޓުކުރި ގިނަ ފަރާތްތަކުން ވަނީ މިނިސްޓަރ މަޙްލޫފްގެ މި އިސްނެގުމަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވައި، ލޯތްބާއެކު ސުކުރުދަންނަވާފައެވެ.

ކޮންމެ ޤައުމެއްގެ ބައެއް ނަމަވެސް، އޯގާތެރިކަމާއެކު މި ޤައުމުގައި ކަންކުރުމުގެ ރިވެތި މިސާލު ދެއްކެވި ޔޫތް މިނިސްޓަރ މަޙްލޫފަށް ހަޤީޤަތުގައިވެސް ޝުކުރު ހައްޤެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ