ރޭގެ ވަގުތެއްގައި ފަރަށް އެރި އެފްއެސްއެމްގެ ތެޔޮ ބާޖު-- ފޮޓޯ: އެމްއެންޑީއެފް

ފަރަށް އެރި އެފްއެސްއެމް ބާޖް ފުންކޮށްފި

ފަރަށް އެރި ފިއުލް ސަޕްލައިޒް މޯލްޑިވްސް(އެފްއެސްއެމް)ގެ ތެޔޮ ބާޖެއް ކަމަށްވާ "މެކުނު" ފުންކޮށްފިއެވެ.

އެފްއެސްއެމްއިން އޮޕަރޭޓް ކުރަމުންދާ 24 މީޓަރު ދިގުމިނުގެ މި ބާޖު ފަރަށް އެރީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭމެންދަމުގެ ވަގުތެއްގަ އެވެ. މި ތެޔޮ ބާޖު ފަރަށް އަރައިފައި ވަނީ ކ.ރަންނާޅި ރިސޯޓު ކައިރީގައިވާ ފަރަކަށެވެ.

އުޅަނދު ފުންކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުމަށް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދުފަހަރު ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އިއްޔެ މި ބާޖު ވަނީ ފުންކުރެވިފައެވެ.

އެމްއެންޑީއެފުން ބުނީ، ރަންނާޅި ރިސޯޓު ކައިރިން ފަރަށްއެރި އެފްއެސްއެމްގެ "މެކުނު" ބާޖު އިއްޔެ މެންދުރުފަހު 16:45 ގައި ވަނީ ފުން ކުރެވިފައިވާ ކަމަށެވެ.

ބާޖު ފަރަށް އެރިއިރު އޭގައި ކޮންމެވެސް ވަރަކަށް ތެޔޮ ހުރިނަމަވެސް، ފަރަށް އެރި ހާދިސާ އާއި އޭގެން ގުޅިގެން ތެޔޮ ބޭރު ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.

މިއީ "މެކުނު" ތެޔޮ ބާޖު ފަރަށް އެރި ދެވަނަ ފަހަރެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި ށ. ނޫމަރާ ފަރަށް ވެސް އެ ބާޖު ވަނީ އަރައިފަ އެވެ. އެ ފަހަރު ނޫމަރާގެ ހުޅަނގު ފަރާތު ނެރު މައްޗަށް ބާޖު އުރުނު އިރު، އެ އުޅަނދުގައި 100،000 ލީޓަރުގެ ޑީސަލް އަދި 15،000 ލީޓަރުގެ ޕެޓްރޯލް ހުއްޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ