2022 ވަނަ އަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް 131،764 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖެނުއަރީމަހު 131،764 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މި އަދަދަކީ 2019 އަދި 2020 ވަނަ އަހަރާއި އާޅާ ބަލާއިރު ދަށް އަދަދެކެވެ. 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު، 151،552 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު 2020 ވަނަ އަހަރު 173،347 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ކޮވިޑް-19 އާއި ގުޅިގެން ޒިޔާރަތް ކޮށްފައިވަނީ 92،103 ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ނިމިދިޔަ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4،250 ޓުއުރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އަދި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން އެވަރެޖްކޮށް ނުވަދުވަހު ރާއްޖޭގައި މަޑުކުރެއެވެ.
މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން ރަޝިއާއިން 24،464 ފަތުރުވެރިން އައިސްފައިވާއިރު މި ލިސްޓުގެ 2 ވަނައިގައި ވަނީ އިނގިރޭސި ވިލާތެވެ. އެގައުމުން 14،276 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. އަދި 11،438 ފަތުރުވެރިން ރާއްޖެ ޒިޔާރަށްކޮށް މި ލިސްޓުގެ 3 ވަނައިގައި އުޅެނީ އިންޑިއާއެވެ.
މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރަށް ވާއިރު، ސަރުކާރުގެ މި އަހަރުގެ އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ޓުއުރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.



