ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މިއަދު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝީދު (ރާޑޯ) އިންތިހާބު ކާމިޔާބުކުރައްވައިފިއެވެ.
ރާޝިދު މި ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ، ޕީޕީއެމްގެ މޫސާ ފަތުހީ އާދަމް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ(އެމްއެންޕީ) ގެ ޓިކެޓްގައި ވާދަކުރެއްވި ކޮމަންޑޫއަށް އުފަން އަބްދުލް ހަންނާން އިދުރީސްއާއި ވާދަކުރައްވައެެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ކެންޑިޑޭޓު ރާޝިދަށް 1،401 ވޯޓު ލިބިފައިވާއިރު އޭނާއާ ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ފަތުހީ އަށް ލިބިފައިވަނީ 1،161 ވޯޓެވެ. އަދި އެންއެމްޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސަށް ލިބިފައިވަނީ 323 ވޯޓެވެ.
ކޮމަންޑޫގައި ބެހެއްޓި 1 ނަންބަރު ފޮށިން 152 ވޯޓު ހޯދައިގެން ފަތުހީ ކުރީގައި އުޅޭއިރު ރާޝިދަށް ލިބިފައިވަނީ 144 ވޯޓެވެ. ހަންނާނަށް 37 ވޯޓު ލިބިފައިވާއިރު 3 ވޯޓު ބާތިލުވެފައިވެއެވެ. ނަމަވެސް ކޮމަންޑޫގައި ބެހެއްޓި 2 ނަމްބަރު ފޮށިން ކުރިހޯދާފައިވަނީ ރާޝިދެވެ. އެ ފޮށިން ރާޝިދަށް 159 ވޯޓު ލިބިފައިވާއިރު ފަތުހީއަށް ލިބިފައިވަނީ 93 ވޯޓެވެ. އަދި ހަންނާނަށް 64 ވޯޓު ލިބިފައިވާއިރު 2 ވޯޓު ބާތިލުވެފައިވެއެވެ.
ފޯކައިދޫގައި ބެހެއްޓި 1 ނަންބަރު ފޮށިން ރާޝިދަށް 195 ވޯޓު ލިބިފައިވާއިރު ފަތުހީއަށް ލިބިފައިވަނީ 201 ވޯޓެވެ. އަދި ހަންނާނަށް 13 ވޯޓު ލިބިފައިވާއިރު 3 ވޯޓު ބާތިލުވެފައިވެއެވެ. ފޯކައިދޫގައި ބެހެއްޓި 2 ނަންބަރު ފޮށިން ރާޝިދަށް 225 ވޯޓު ލިބިފައިވެއެވެ. ފަތުހީއަށް 200 ވޯޓު ލިބިފައިވާއިރު ހަންނާނަށް ލިބިފައިވަނީ 12 ވޯޓެވެ. އަދި ބާތިލު ވޯޓުގެ އަދަދަކީ 9 އެކެވެ.
މަރޮށީގައި ބެހެއްޓި ފޮށިން ރާޝިދަށް 161 ވޯޓު ލިބިފައިވާއިރު ފަތުހީއަށް ލިބިފައިވަނީ 95 ވޯޓެވެ. އަދި ހަންހާނަށް 41 ވޯޓު ލިބިފައިވާއިރު 10 ވޯޓު ބާތިލުވެފައިވެއެވެ.
މާލޭގައި ބެހެއްޓި 2 ވޯޓު ފޮށިވެސް ކާމިޔާބުކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދެވެ. މާލޭގައި ބެހެއްޓި 1 ނަންބަރު ފޮށިން ރާޝިދަށް 280 ވޯޓު ލިބިފައިވާއިރު ފަތުހީއަށް ލިބިފައިވަނީ 242 ވޯޓެވެ. އަދި ހަންނާނަށް 88 ވޯޓު ލިބިފައިވާއިރު 9 ވޯޓު ބާތިލުވެފައިވެއެވެ. މާލޭގައި ބެހެއްޓި 2 ނަންބަރު ފޮށިން 237 ވޯޓު ރާޝިދަށް ލިބިފައިވެއެވެ. ފަތުހީއަށް 179 ވޯޓު ލިބިފައިވާއިރު ހަންނާނަށް ލިބިފައިވަނީ 68 ވޯޓެވެ. އަދި 11 ވޯޓު ބާތިލުވެފައެވެ.
ކޮމަންޑޫ ދާއިރާގެ އިންތިހާބު ފާހަގަވެގެން ގޮސްފައިވަނީ ވަރަށް ވާދަވެރިކޮށް ދިޔަތަނެވެ. އަދި އިދިކޮޅު ޕީޕީއެމް އިން ވަނީ ވޯޓަށް ނުފޫޒު ފޯރުވުމަށް އެމްޑީޕީއިން ރިޝްވަތުގެ ފައިސާ ބަހައި އިންތިހާބަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.



