ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބަލިކުރެއްވުމަށްފަހު، ވެރިކަމާ ހަވާލުވެވަޑައިގަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ސަރުކާރުގެ ގަދަކަމަކީ ހިނގާ ކަންކަން ސިއްރު ނުކުރުން ކަމަށް އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަލުގައި ހެވާއި ނުބައި ޤައިދީންނާއި، އޮފިސަރުންވެސް އުޅޭނެ ކަމަށާއި، ޖަލުގައި ހިނގި ހަމަނުޖެހުންތަކުގެ އަސްލު އެނގޭނީ ތަޙްޤީޤު ކުރުމުން ކަމަށެވެ.
"ޖަލުގައި ނުބައި އަދި ރަނގަޅު ޤައިދީން އުޅޭ. ރަނގަޅު އަދި ގޯސް އޮފިސަރުންވެސް އުޅޭ. ދިމާވެގެން އުޅޭ މައްސަލައިގެ ހަޤީގަތް އެނގޭނީ ތަޙްޤީޤު ކުރުމުން. ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ސަރުކާރުގެ ގަދަކަމަކީ އެކަންކަން ސިއްރު ނުކުރުން، ބަލަން ފަސް ނުޖެހުން" މަޙްލޫފް ވިދާޅުވިއެވެ.
އިތުރަށް މަޙްލޫފް ވިދާޅުވީ، ޖަލުގައި ހިނގައިގެން އުޅޭ ކަންކަމުގައި ގޯހީ ޤައިދީން ކަމެއް، ނުވަތަ އޮފިސަރުންތީ ބުނަން ސަރުކާރުން ފަސްނުޖެހޭނެ ކަމަށެވެ.
Jaluga nubai adhi rangalhu gaidheen ulhey.Rangalhu adhi goas officerunves ulhey. Dhimaavegen ulhey massalaige hageegaiy ingeynee thahugeegu kurumun.Raees @ibusolih ge sarukaaruge gadhakamakee ekankan sirru nukurun,balan fasnujehun.Goahee gaidheetho officertho bunan fasnujeheyne.
— Ahmed Mahloof (@AhmedMahloof) June 22, 2019
ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް މިހެން ވިދާޅުވިއިރު، މިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި އޮފިސަރަކަށާއި ގައިދީންތަކަކަށް ވަނީ އަނިޔާވެފައެވެ. އަދި އެ ހަމަނުޖެހުމުގައި ޚާލަތާ ނުބައްދަލު ބާރު ޖަލު އޮފިސަރުން ބޭނުންކުރިކަމަށް ހޯމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ޖަލުގައި ހިނގި ކަންކަން ބަލައި ދިރާސާ ކުރުމަށް ހޯމް މިނިސްޓަރ ވަނީ މިއަދު ހެނދުނު މާފުށީ ޖަލަށް ވަޑައިގެންފައެވެ.
ރާއްޖޭގެ ޖަލުތަކުގެ ޚާލަތު އެކަށީގެންވާ ބަދަލެއް އައިސްފައި ނެތް ކަމަށް އަދި އެއީ އެއްދުވަހަކުން ދެދުވަހަކުން ބަދަލުކުރެވޭނެ ކަންކަން ނޫން ކަމަށް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޤައިދީންނާމެދު ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތައް ހިންގުން ބަލައި ނުގަނެވޭ ކަމަށާއި، އެކަންކަން ހުއްޓުވާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.



