ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ ހދ. ހަނިމާދޫ އެއާޕޯޓް ޕްރޮޖެކްޓް ފެއިލްކޮށްލަން ރާވާފައިވާކަމަށް ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅިވެއްޖެއެވެ.
ހއ، ހދ އަދި ށ އަތޮޅަށް އެމްޑީޕީން ކަނޑައަޅާފައިވާ ކެމްޕެއިން ކޯޑިނޭޓަރ މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ، ރޭ ސޯސަން ޖަގަހަގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަމުންނެވެ.
ޝާހިދު ވިދާޅުވީ، ޕީޕީއެމުން ރޭވުންތައް ރާވަމުންދާ ކަމަށާއި، އެކަންކަމުގެ މަޢުލޫމާތުތައް ލިބެމުންދާކަމަށެވެ.
"އަޅުގަނޑުމެންގެ އިދިކޮޅު ފަރާތުން، ޕީޕީއެމުން ވެރިކަމަށް އައުމަށް ރާވާފައި އޮތް ރޭވުމުގައި އޮތީ އެމީހުންނަށް ވެރިކަން ލިބިއްޖެނަމަ ހަނިމާދޫ އެއާޕޯޓް ނައްތާލަން. އެކަމުގެ މަޢުލޫމާތުތައް އަޅުގަނޑުމެންނަށް ލިބެމުންދަނީ، ރޭވުންތައް އެމީހުން ރާވަމުންގެންދަނީ، މުޅި ހަނިމާދޫ ޕްރޮޖެކްޓް އެމީހުން އޮތީ ފެއިލްކޮށްލަން ނިންމާފައި." ޝާހިދު ވިދާޅުވިއެވެ.
މިރޭ ސޯސަން ޖަގަހަގައި ހއ.ހދ.ށ.ކޯޑިނޭޓަރ މިނިސްޓަރ @abdulla_shahid ވާހަކަ ފުޅު ދައްކަވަމުން ވިދާޅުވީ އަޅުގަންޑު މިވާހަކަ ބުނީމާ އެހެން މީހުންނާއި ހަމަޔަށް މި އަޑުގެންދަވާ އަޅުގަންޑުމެންނާއި ވާދެވެރި އިންދި ކޮޅު ޕީޕީއެމް އިން ރާވާފައިވަނީ ވެރިކަން ލިބިއްޖެނަމަ ހަނިމާދޫ… pic.twitter.com/xzeicxzw9L
— Mohamed faisal (@Mohamedfaisalv) August 15, 2023
ޝާހިދު ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމެއްގައި ބޮޑުތިލަދުންމައްޗަށް އެއްވެސް ކުރިއެރުމެއް ނޯންނާނެ ކަމަށެވެ.
"ޕީޕީއެމްގެ ވެރިކަމެއްގައި އެއްވެސް ކުރިއެރުމެއް ބޮޑުތިލަދުންމައްޗަށް ނޯންނާނެކަމުގެ ޔަޤީންކަން ތިބޭފުޅުންނަށް ލިބިވަޑައިގަންފައި އޮންނާނީ، އެއީ އެބޭފުޅުން ވެރިކަން ކުރެއްވި ފަސް އަހަރު ދުވަހުގެ ތެރޭގައި ބޮޑުތިލަދުންމަތީގައި ކޮން ކަމެއްތޯ ހިނގާފައި އޮތީ ބައްލަވާ. ކުޅުދުއްފުށި ސިޓީގައި އެބޭފުޅުންގެ މިހާރުގެ ކެންޑިޑޭޓް 7 އަހަރު ދުވަހު ހައުސިންގ މިނިސްޓަރުކަމުގައ ހުންނެވިއިރު ބޯހިޔާވަހިކަމުގެ އެންމެ ޓިނުގަނޑެއްވެސް އެޅުއްވުނުތޯ؟" ޝާހިދު ވިދާޅުވިއެވެ.




