ތުޅާދޫގައި 100 ހައުސިންގ ޔުނިޓް އަޅައި، ހޮސްޕިޓަލް ނިންމައި، ބަނދަރު ރަނގަޅު ކޮށްދެއްވާނެކަމަށް ރައީސް ޞޯލިޙް ވިދާޅުވެއްޖެއެވެ.
މިރޭ ތުޅާދޫގައި އޮތް ރައީސް ޞޯލިޙްގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ރައީސް ޞޯލިޙް ވިދާޅުވީ، ތުޅާދޫގައި 100 ހައުސިންގ ޔުނިޓް ނިމި މީހުން ވައްދަން ތައްޔާރުވެފައިހުރިިއިރު، އަންނަ ދައުރުގައި ހަމަ އެވަރަށް އިތުރު ހައުސިންގ ޔުނިޓް އަޅުއްވައިދެއްވާނެ ކަމަށެވެ.
"ތުޅާދޫއަށް އެންމެ ބޮޑަށް ބޭނުންވެފައި އޮތް އެއްކަންތަކަކީ ބޯހިޔާވަހިކަމުގެ މަޝްރޫއެއް މިރަށުގައި ހިންގުން. ދެންމެ ކައުންސިލްގެ ނައިބު ރައީސް އެ ވިދާޅުވީ 100 ހައުސިންގ ޔުނިޓް ނިމި މިހާރު އެތަނަށް މީހުން ވަންނަން ތައްޔާރުވެފައި ހުރި ވާހަކަ. އަދިވެސް މިރަށަށް ބޭނުންވޭ ހައުސިންގ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދައުރުގައި އިތުރު 100 ހައުސިންގ ޔުނިޓް މިރަށުގައި އަޅުގަނޑުމެން އަޅައިދޭނަން." ރައީސް ވިދާޅުވިއެވެ.
ރައިސް ވިދާޅުވީ، މިރަށުގެ ރައްޔިތުން ދެން އެންމެ ބޮޑަށް ބޭނުންވެފައި އޮތީ ޞިއްޙީ ޚިދުމަތް ރަށުގައި ތިބެގެން ލިބޭނެގޮތް ހެދުމަށް ކަމަށެވެ.
"މިއަދު އެވަނީ އެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށި ބާރު ސްޕީޑްގައި ކުރިއަށްދާތަން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އިތުބާރުހުރި ކުންފުންޏަކުން އެކަން އެކުރަނީ. އިރާދަކުރެއްވިއްޔާ އެ ޕްލޭނާ އެއްގޮތަށް މުއްދަތުގެ ތެރޭގައި މަސައްކަތްނިމި މިރަށުގެ ރައްޔިތުންނަށް، މިހިސާބުގެ ރައްޔިތުންނަށް އެތަނުގެ ޚިދުމަތް ލިބޭތަން ފެނިގެންދާނެ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ، ތުޅާދޫއަށް ދިމާވެފައިވާ އަނެއް މައްސަލައަކީ ބަނދަރު ހެދިފައި އޮތްގޮތާއި، ބަނދަރު ނެރުގެ މައްސަލައިގެ އިތުރުން ބޭރުތޮށި ބޭނުންކުރެވޭނެ ގޮތެއް ހެދުން ކަމަށެވެ.
"ކުޑަތަންކޮޅެއް ލަސްވެސް ވެއްޖެ ކަންނޭނގެ ތިބޭފުޅުން އެކަމަށް އެދިގެން ތިބޭތާ. އެހެންނަމަވެސް މިހާރު އޭގެ ޕްލޭންހެދި އެއަށް ގެންނަންޖެހުނު ބަދަލުތަކާހެދި ކުޑަވަގުތުކޮޅެއް އިތުރުވެގެން ދިޔައީ. އެއާއެކުގައި އެ މަސައްކަތްވެސް މިހާރު ވަނީ ކޮންޓްރެކްޓް ކުރެވިފައި." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދެން ލަސްތަކެއްނުވެ އެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ތުޅާދޫގައި ފެށިގެންދާތަން ފެނިވަޑައިގަންނަވާނެ ކަމަށެވެ.




