މިއަދު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މުސޫމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން، ބުނީ، މިއަދު މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މުޅި ރާއްޖެއަށް ނެރުނު ހުދު ސަމާލު މެޓް އޮފީހުން ވަނީ މިއަދު މެންދުރު 1:30 އާއި ހަމައަށް ނެރެފައެވެ.
މީގެ އިތުރުން، މެޓް އޮފީހުން ވަނީ މިއަދު މެންދުރު 1:00 އާއި ހަމައަށް ރާއްޖޭގެ ވަކި ހިސާބަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. އެއީ ނ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށެވެ.
މި އެލާޓުގައި މެޓް އޮފީހުން ބުނީ، އެ ހިސާބަށް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ މީގެ ކުރިންވެސް ބުނެފައެވެ. މި ދުވަސްވަރަކީ ސްކޫލް ޗުއްޓީއަށް ވާތީވެ، ދަތުރު ކުރައްވާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން އޮތީ އިލްތިމާސްކޮށްފައެވެ.