މިއަދު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ. އަދި 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް ރީނދޫ ސަމާލުވެސް ވަނީ މެޓް އޮފީހުން ނެރެފައެވެ.
މާލެއަށް ރެއިން ފެށިގެން ވިއްސާކުރަމުންދާއިރު، ގިނަ އިރުތަކެއް ވަންދެން ހުއްޓާނުލާ މިއަދު ހެނދުނުން ފެށިގެން މާލެއަށް ވާރޭ ވެހުމުގެ ސަބަބުން މުޅި މާލޭގައި މިހާރު ވަނީ ފެންބޮޑުވެފައެވެ.
މުޅި މާލޭގައި ފެންބޮޑުވެފައިވާއިރު އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލް ހުންނަ ސަރަހައްދުގެ އިތުރުން، އަމީނީ މަގުގައެވެ. އަދި އެ ސަރަހައްދުގައި ބޮޑުވެފައިވާ ފެންގަނޑު ކަކުލާއި ހަމައަށް އެބަ ހުއްޓެވެ.
މާލެ މަގުތަކުގައި އާދަޔާ ޙިލާފަށް ފެންބޮޑުވުމުގެ ސަބަބުން، ދަތުރުފަތުރު ކުރުމަށާއި، ހިނގާ ބިނގާވެ އުޅުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އަދި ފެންގަނޑު ބޮޑުވުމުގެ ސަބަބުން މާލޭގެ ފިހާރަތަކާއި، ކެފޭ ރެސްޓޯރަންޠް ތަކަށްވެސް ވަނީ ފެންގަނޑު ވަދެފައެވެ.
މިހާރު ކުރިއަށްދާ އަމީނީ މަގު ހެދުމުގެ މަސައްކަތްވެސް މަޑުޖައްސާލާފައިވާ ކަމަށް، އެ މަސައްކަތް ކުރިއަށް ގެންދާ ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ވަނީ ބުނެފައެވެ. އަދި އެ ސަރަހައްދަކީ ހިނަގާބިނގާވެ އުޅުމަށް އާންމުންނަށް ރައްކާތެރި ސަރަހައްދަކަށް ނުވާތީވެ، އެ ސަރަހައްދަށް އާންމުން ނުވަނުމަށް އާރްޑީސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.
މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މިހާރު ވަނީ ފަށައިފައެވެ. އެގޮތުން މާލޭގެ މަގުތަކުގައި ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން އެބަކުރިއަށްގެންދެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފަށައިފި.https://t.co/QEFyi2kNXu pic.twitter.com/ZTX1ln7xhy
— Maldives National Defence Force (@MNDF_Official) December 31, 2023
މާލޭގެ އިތުރުން ހުޅުލޭ އެއާޕޯޓުގެ ބޭރު މަގުތަކުގައިވެސް މިއަދު ކުރި ވިއްސާރައިގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އަދި ރާއްޖޭގެ ރަށްރަށަށްވެސް ވިއްސާރަކުރަމުންދާއިރު، ބައެއް ރަށްރަށުގެ ގެތަކުގައި ވަނީ ފެންބޮޑުވެފައެވެ.
އެގޮތުން މިއަދު ކުރި ވިއްސާރައިގައި. ކ. ގުރައިދޫގެ 20 ގެއެއްގައި ފެންބޮޑުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޭޖެންސީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ.
އެރަށުގެ ގެތަކަށް ލިބުނު ގެއްލުމުގެ ސަބަބުން 3 ގެއެއްގެ މީހުން އެހެން ތަނަކަށް ބަދަލުވެފައިވާ ކަަމަށްވެސް އެންޑީއެމްއޭ އިން މައުލޫމާތު ދިނެވެ. އަދި އޭގެއިތުރުން ފ. ނިލަންދޫ، ލ. ގަން، ލ. ފޮނަދޫގެ އިތުރުން ސ. މަރަދޫއަށް ވެސް މިއަދު ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް އެ އޭޖެންސީ އިން ބުންޏެވެ.