ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ހަނާންޑޭ އެއާޕޯޓުގެ ރަންވޭމަތީގައި މަތިންދާ ދެބޯޓު ޖެހި ހިނގި ހިތާމަވެރި ހާދިސާގެ ތަހުގީގު އެގައުމުގެ ފުލުހުން ފަށައިފިއެވެ.
ރަންވޭމަތިން ޖެހިފައިވަނީ ޖަޕާން އެއާލައިންގެ އޭ350 ގެ މަތިންދާ ބޯޓަކާއި ކޯސްޓްގާޑުގެ ހަމީހުންގެ ޖާގައިގެ އާދައިގެ މަތިންދާ ބޯޓެކެވެ. މިހާދިސާގައި ޖަޕާން އެއާލައިންގެ މަތިންދާ ބޯޓުގައި ދަތުރުކުރި 379 މީހުން ސަލާމަތްވީ ނަމަވެސް ކޯސްޓްގާޑު އުޅަނދުގައި ދަތުރުކުރި ހަމީހުންގެ ތެރެއިން އެކަކު ފިޔަވައި ދެންތިބި ފަސްމީހުންވެސްވަނީ މަރުވެފައެވެ.
މައުލޫމާތު ލިބޭގޮތުގައި ކޯސްޓްގާޑް އުޅަނދުގައި ދަތުރުކުރި ހަމީހުންނަކީ ޖަޕާނަށް އައި ބިންހެލުމުގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރި ފަރާތްތަކެކެވެ.
ޓޯކިޔޯގެ މެޓްރޮޕޮލިޓަން ޕޮލިސް ޑިޕާޓްމެންޓުން ބުނެފައިވަނީ، މިހާދިސާ ހިނގިގޮތް ތަހުގީގު ކުރުމަށް މިހާރު ހާއްސަ ޓީމެއް އެކުލަވާލައިފައިވާ ކަމަށެވެ. އަދި މިކަމުގައި ހިމެނޭ ފަރާތްތަކުގެ ބަސްތީގަތުންތައް ނަގަމުން އަންނަ ކަމަށެވެ.
ޖަޕާނުގެ އެއާލައިނުން ހާދިސާގެ ފަހުން ބުނެފައިވަނީ އެ އެއާލައިންގެ ބޯޓު ރަންވޭގައި ޖައްސައިފައިވަނީ އެއާ ޓްރެފިކް ކޮންޓްރޯލް އިން ބޯޓު ޖެއްސުމަށް ހުއްދަ ދިނުމުން ކަމަށެވެ. ލައިވް އޭ.ޓީ.ސީ ޑޮޓް ކޮމް އިން ލިބެންހުރި އެއާ ޓްރެފިކް ކޮންޓްރޯލް ރިކޯޑިން އިން ފެންނަގޮތުގައި އެއާލައިންގެ ބޯޓު ޖެއްސުމަށް ހުއްދަ ދީފައިވަނީ ޖަޕާން ގަޑިން 17:45 ގައެވެ. މިއީ ދެބޯޓު ޖެހުމުގެ ކުޑަ އިރުކޮޅެއް ކުރިއެވެ. ނަމަވެސް، ކޮންޓްރޯލް ޓަވަރުގެ ޓްރާންސްކުރިޕްޓްއިން ދައްކާގޮތުން ކޯސްޓްގާޑުގެ މަތިންދާ ބޯޓު އުދުއްސާލުމުގެ ހުއްދަ އޭރު އަދި ދީފައެއް ނުވެއެވެ.
މިއީ 1985ގެ ފަހުން ޖަޕާނުގައި ހިނގި ވައިގެ މިފަދަ ފުރަތަމަ ހިތާމަވެރި ހާދިސާއެވެ.