ނަރުހުންނަށް ފައިދާ ހުރި އެތައްކަމެއް، އިސްކަންދީގެން މި ސަރުކާރުން ފަހިކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ނަރުހުންގެ ދުވަހާގުޅިގެން ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ނަރުހުންގެ އަޑު އަހައި އިޖާބަދޭނެކަމަށެވެ.
"ނަރުހުންނަށް ފައިދާ ހުރި އެތައްކަމެއް، އިސްކަންދީގެން، މި ސަރުކާރުން ފަހިކޮށްދޭނެ" ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސް ވިދާޅުވީ ނަރުހެއްގެ މަސައްކަތަކީ ވަށައިޖެހި، އެތައްކަމެއް އެކުވެފައިވާ، ބޮޑު މަސްއޫލިއްޔަތެއްކަމުގައެވެ. އަދި ނަރުހުންގެ ޚިދުމަތަކީ، ދެވޭ މުސާރައަކަށްވުރެ، އެ ޚިދުމަތަށް ލިބޭ ސަވާބާއި ދަރުމަ، އަދި އަނެކުންގެ ފުށުން ލިބޭ ހިތްހެޔޮކަމާއި ހެޔޮ ދުޢާ، އެތައް ގުނައަކަށް އިތުރު، މާތް މަސައްކަތެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ވަރުބަލިވުމެއް ފޫހިކަމެއްނެތި ނަރުހުން އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަން ނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަން ކުރާނެ" ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސްގެ ޚިޠާބުގައި، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ ބުރަ، އެންމެ ޝަރަފުވެރި އެއް ޒިންމާ ރެޔާއިދުވާލު އުފުލަމުންދާ ހީވާގި ނަރުހުންނަށް، ސާބަހާއި ތާރީފާއެކު ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ފޮނުއްވާފައިވެއެވެ.
ނަރުހުންގެ ދުވަހާ ގުޅިގެން މީސް މީޑިއާގައި ތަހުނިޔާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރްޙަބާ ކިޔަނީ، އަދި ބަލި ފަސޭހަވެ އެނބުރި ދިއުމާއި ހަމަޔަށް ޚިދުމަތުގައި ދެމި ތިބެނީ މުރާލި ނަރުހުންކަމަށެވެ.
"ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވުމުގައި، ހިނިތުންވުމާއިއެކު ކުރަމުންދަނީ މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް" ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސް ވަނީ ދިވެހި ނަރުހުންނަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.




