ޔަމަނުގެ ދެ ބަނދަރަކަށް އިސްރާއީލުން ވައިގެ ހަމަލާތަކެއް ދީފިއެވެ.
މި ހަމަލާތައް ދީފައިވަނީ އެމެރިކާއާއި ހޫތީންނާއި ދެމެދު ދާދި ފަހުން ހިނގި ހަމަނުޖެހުންތަކަށް ފަހު، ހޫތީ ހަނގުރާމަވެރިން އިސްރާއީލަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
އަދި މި ހަމަލާތައް ދީފައި މިވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާ ކުށްވެރިކޮށް ހުކުރު ދުވަހު ޔަމަނުގެ އެކި ސިޓީތަކުގައި މިލިއަނުން މީހުން ބައިވެރިވެ ހިނގާލުމެއް ބާއްވާފައިވާ ދަނޑިވަޅެއްގައެވެ.
އަލްމަސީރާ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުކުރު ދުވަހުގެ ހަވީރު އިސްރާއީލުގެ ހަނގުރާމަވެރި މަތިންދާބޯޓުތަކުން ވަނީ ހުދައިދާ އާއި އަލްސަލީފް ބަނދަރުތަކަށް ވަރަށް ގަދަޔަށް ބޮން އަޅާފައެވެ.
ޔަމަނުގެ ހެލްތު މިނިސްޓްރީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ހުދައިދާ އާއި އަލްސަލީފް ބަނދަރުތަކަށް ދިން ހަމަލާގައި އާންމުންގެ 10 މީހަކު ވަނީ ޒަހަމްވެފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ހުކުރު ދުވަހު އެ ދެ ބަނދަރަށް އަމާޒުކޮށް ހަމަލާދީފައި ވަނީ ހޫތީ މުޖާހިދުންގެ ޖަމާއަތުން "ހަތިޔާރު ބަދަލުކުރުމަށް" އެ ދެ ބަނދަރު ބޭނުންކުރާތީ ކަމަށެވެ.
މިހަަމަލާތަަކަށް އިޝާރާތްކޮށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޔަމަނުގެ ހޫތީން އިސްރާއީލަށް ދެމުން ގެންދާ ހަމަލާތައް ދަމަހައްޓައިފިނަމަ އިތުރު ހަމަލާތަކެއް ދޭނެ ކަމަށް ބުނެފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފަަލަސްތީނުގެ ނަސްލު ނައްތާލުމަށް އަމާޒުކޮށް އިސްރާއީލުން ދޭން ފެށި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޔަމަނުގެ ހޫތީން ވަނީ ފަލަސްތީނާ އެއްބައިވަންތަކަން ފާޅުކޮށް އިސްރާއީލާ ދެކޮޅަށް ސިލްސިލާ ހަމަލާތަކެއް ފަށާފައެވެ.
އިސްރާއީލުން ވަނީ މި މަހުގެ 6 ވަނަ ދުވަހު ސަންޢާގައި ހުންނަ ޔަމަނުގެ މައި އެއާޕޯޓަށް ހަމަލާތަކެއްދީ އެތައް ބަޔަކު ޝަހީދުކޮށްލާފައެވެ.