ހދ. ނޮޅިވަރަމްގައި މޫދަށް އެރިއުޅެނިކޮށް އުމުރުން ދުވަސްވީ ފިރިހެނަކު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ ނޮޅިވަރަމް ފިލްމީ ސައިޑް/ 66 އަހަރުގެ އިބްރާހިމް އިސްމާއީލް އެވެ.
އިބްރާހިމް އިސްމާއިލް ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 17:45 ހާއިރުއެވެ. އަދި އޭނާ ގެއްލިގެން ރިޕޯޓް ކުރުމާއެކު ފުލުހުންނާއި އެ ރަށު ކައުންސިލާއި އާންމު ރައްޔިތުން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މިކަމާއި ގުޅިގެން މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ އުމުރުން ދުވަސްވީ މީހަކު މިއަދުގެ 11:30 ހާއިރު މަސްގަންނަން ދިޔަފަހުން ހަބަރެއް ނުވެގެން ހަވީރު 17:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ.
އެގޮތުން އޭނާ ހޯދަމުންދަނިކޮށް ފެނިފައިވަނީ އެ ރަށުގެ އޮޑިއެހެލާ ސަރަހައްދު މޫދުގައި މަރުވެފައި އޮއްވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.




