ކުރީ ސަރުކާރުތަކަށް ގޭންގުތަކާ ދެކޮޅަށް ފިޔަވަޅު އެޅިފައިނުވަނީ ސިޔާސީ މަސްލަހަތު އިސްކޮށް، މައްސަލަ ހައްލުކުރުމުގެ ނިޔަތް ނެތުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ" ބިލު ތަޞްދީޤުކުރެއްވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން، ކުރީގެ ސަރުކާރުތަކުން ގޭންގުތައް ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވަނީ ސިޔާސީ މަސްލަހަތު އިސްކުރުމުގެ ސަބަބުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ މާޙައުލުގައި ހިނގާ ނުރަނގަޅު ކަންކަމަށް މަގުފަހިކޮށްދޭ އެއް ކަމަކީ ގޭންގު ހަދައިގެން ކުށްކުރުން. އަޅުގަނޑުމެންގެ މުޖުތަމަޢަކީ އެކުވެރި އަމާން މާޙައުލެއްގައި އުޅެން އަޅުގަނޑު އެދެނީ. އެންމެން ގުޅިގެން މަސައްކަތްކޮށްފިއްޔާ މައްސަލަތައް ހައްލު ކުރެވޭނެ" ކަމަށް ރައީސް ވިދާޅުވިއެވެ.
މިސަރުކާރުގެ އެއްވެސް ވެރިއެއްގެ ފަރާތުން ނުފޫޒުގެ ބޭނުން ހިފައި، ގޭންގެއްގެ ބޭނުން ހިފާކަން ސާބިތުވެއްޖެނަމަ ފިޔަވަޅު އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ޙަޤީޤީ މާނައިގައި އިޚުލާސްތެރިކަމާއެކު ރާއްޖޭގައި ކުށްކުރުން މަދުކުރުން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ބަޔަކު ކުށްވެރި ކުރުމަށްވުރެ ބޮޑަށް އެމަނިކުފާނު އިސްކަންދެއްވަނީ ކުށުގެ މާޙައުލުން ހުރިހާ ފަރާތްތަކެއްވެސް ދުރުކުރުން ކަމަށް ވިދާޅުވެ، އެއްބައިވަންތަ އެކުވެރި މުޖުތަމަޢެއް ޤާއިމުކޮށް، ކުށުގެ މާޙައުލުން އެއްކިބާވެފައިވާ މުޖުތަމަޢަކަށް ދިވެހި މުޖުތަމަޢު ހެދުމަށް ހުރިހާ ފަރާތްތަކެއްވެސް ގުޅިގެން މަސައްކަތްކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
އައު ޤާނޫނުގައި ގޭންގު ކުށްތައް ހުއްޓުވުމުގެ ގޮތުން ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވާއިރު، ނުހައްޤުން މުއްސަނދިކަން ހޯދާ ފަރާތްތައް އަތުލައިގަތުމަށްވެސް މާއްދާތަކެއް ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.



