6 ރަށެއްގެ ސިއްޙީ މަރުކަޒު އަޕްގްރޭޑުކުރުމަށް ޙަވާލުކޮށްފި

ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތުގެ ދަށުން، 6 ރަށެއްގެ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ހއ. ވަށަފަރު، ތުރާކުނު، ށ. ޅައިމަރު، ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ދަރަނބޫދޫ ޞިއްޙީމަރުކަޒުތައް އަޕްގްރޭޑްކުރުމަށެވެ.

ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ހއ. ވަށަފަރު އަދި ތުރާކުނު ޞިއްޙީމަރުކަޒުގެ މަސައްކަތެވެ. ވަށަފަރު ސިއްޙީ މަރުކަޒުގެ 4.8 މިލިއަން ރުފިޔާގެ މަސައްކަތް 210 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާއިރު، ތުރާކުނު ސިއްޙީ މަރުކަޒުގެ 3.4 މިލިއަން ރުފިޔާގެ މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ.

ށ. ޅައިމަގު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. 4.8 މިލިއަން ރުފިޔާގެ މި މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ.

ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ދަރަނބޫދޫ ޞިއްޙީ މަރުކަޒުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މަގޫދޫ ޞިއްޙީމަރުކަޒުގެ މަސައްކަތަށް 4.8 މިލިއަން ރުފިޔާ، ބިލެއްދޫ ޞިއްޙީމަރުކަޒުގެ މަސައްކަތަށް 4.3 މިލިއަން ރުފިޔާ އަދި ދަރަނބޫދޫ ޞިއްޙީމަރުކަޒުގެ މަސައްކަތަށް 4.8 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

މި މަސައްކަތްތަކުގެ ދަށުން ހުރިހާ މަރުކަޒުތަކެއްގައިވެސް ވޯޑު، ލެބޯޓްރީ، ނަރުސް ސްޓޭޝަން އަދި ސްޓޯރ ރޫމްގެ އިތުރުން އެކި ބޭނުންތަކަށް ޚާއްސަކުރެވިފައިވާ ތަފާތު ޖާގަތައް އިތުރުކުރެވޭނެއެވެ. މިއީ ސަރުކާރުން އަތޮޅުތަކުގައި ހުރި ޞިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް ފަސޭހައިން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫޢުތަކެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ