މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 73 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ.
މީރާގެ އެންމެ ފަހުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 66 މިލިޔަން ރުފިޔާއެވެ. އަދި މި އަހަރުގެ ޖުލައި މަހު އެކަނި މުދަލު ޒަކާތުގެ ގޮތުގައި 12 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ ޖުލައި މަހު ލިބިފައިވަނީ 15 މިލިޔަން ރުފިޔާއެވެ.
މުދަލު ޒަކާތަކީ އެ މީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަދި އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލު ޒަކާތް ދެއްކިދާނެއެވެ. ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންނެވެ.
އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9,264.15 ރުފިޔާއެވެ. މި ނިޞާބު ކަނޑައެޅުމުގައި ބަލަނީ ރަން-ރިހީގެ އަގަށެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު އަންނަމުންދެއެވެ.
އެ މީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ބޭންކުގައި ފައިސާ ހުރިނަމަ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވެއެވެ.