ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

އއ. ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ. މިއީ އަރިއަތޮޅު އުތުރުބުރިއަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ކަމެކެވެ.

މި އައު އިމާރާތުގައި ޢާންމު ޞިއްޙަތުގެ ޚިދުމަތުގެ ޔުނިޓެއް ޤާއިމުކޮށްފައިވާއިރު، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކަކާއި ގައިން ގަޔަށް ނާރާ ބަލިތަކުގެ ކްލިނިކެއްވެސް ހިމެނެއެވެ. މީގެ އިތުރުން މާބަނޑު މީހުންގެ ކްލިނިކަކާއި ކުޑަކުދިންގެ ޞިއްޙަތު ކްލިނިކްވެސް މި އިމާރާތުގައި ޤާއިމުކޮށްފައިވެއެވެ.

ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވުމާއެކު، ހިމަންދޫގައި އަޅާ ފުލުހުންގެ އައު އިމާރާތުގެ އަމަލީ މަސައްކަތްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ރައީސް، ހިމަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އއ. އަތޮޅުގެ މީހުން ދިރިއުޅޭ 8 ރަށަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އަދި ހިމަންދޫއަށް ވަޑައިގެންނެވުމުން އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ