ބ. ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ޑަޔަލިސިސްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ.
ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށާފައިވަނީ 2 އެނދުގެ ޔުނިޓަކާއެކުގައެވެ. އަދި މި މަރުކަޒުގައި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރެއްވެސް ޚިދުމަތް ދެއްވާނެ ކަމަށް ޞިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޑަޔަލިސިސްގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސަވަމުން ގެންދަވައެވެ. މިހާރު ރާއްޖޭގައި ޑަޔަލިސިސްގެ ޚިދުމަތް ނުފެށި އޮތީ އދ. އަތޮޅާއި، ވ. އަތޮޅާއި، ފ. އަތޮޅުގެ އިތުރުން ދ. އަތޮޅުގައެވެ.
ޑަޔަލިސިސްއަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން، ކިޑްނީގެ މަސައްކަތްކުރުން ވަކި މިންވަރަކަށްވުރެ ދަށްވުމުން، ކޮންމެ ހަފްތާއަކު 2 ނުވަތަ 3 ދުވަހު، 4 ގަޑިއިރުގެ މުއްދަތަށް ހަށިގަނޑުގެ ލޭ ސާފުކުރުމަށް ދެވޭ ފަރުވާއެކެވެ.
މި ސަރުކާރުން ދަނީ ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެ ތެރޭގައި ހެޔޮ އަގުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، އާސަންދައަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އަދި މި ދާއިރާގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ހަރުދަނާ ބަދަލުތައް ހިމެނެއެވެ.