ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް 3 މެންބަރުން ޢައްޔަނުކުރައްވައިފިއެވެ. މި މެންބަރުން ޢައްޔަނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ކޮމިޝަނަށް އަލަށް ޢައްޔަނުކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ މުޙައްމަދު ނާޞިޙް، ޑޮކްޓަރ ޙުސައިން ފާއިޒް އަދި ޑޮކްޓަރ ދީބާ މޫސާ އެވެ. މި ބޭފުޅުން މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ވަނީ މަޤާމުގެ ހުވައި ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއެވެ. އަދި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލަށް ޢައްޔަނުކުރެއްވި މެންބަރުންނަށް މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ.
މި 3 މެންބަރުން ސިވިލް ސަރވިސް ކޮމިޝަނަށް ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. މި މަޤާމުތަކަށް އައު މެންބަރުން ޢައްޔަންކުރަން ޖެހުނީ ކުރީގެ 3 މެންބަރުންގެ މަޤާމުގެ މުއްދަތު މި މަހުގެ 3 ވަނަ ދުވަހު ހަމަވުމާ ގުޅިގެންނެވެ.




