ކޮންމެ ދަރިވަރަކީ ދިވެހިވަންތަ އިސްލާމީ ސިފަތައް ލިބިގެންވާ ދަރިވަރަކަށްވާންޖެހޭ: މެޑަމް ސާޖިދާ

ރާއްޖޭގެ ކޮންމެ ދަރިވަރަކީ ދިވެހިވަންތަ އިސްލާމީ ސިފަތަކުން ސިފަ ލިބިގެންވާ ދަރިވަރަކަށްވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ މާނަފުން ތާރީޚެއް އޮތް، ގިނަ ބަޔަކު އެކުވެގެން އިންދި ތަޢުލީމީ ގަހެއްކަމަށް ސިފަކުރެއްވި ފަސްޓް ލޭޑީ ވިދާޅުވީ، އެ ގަހުން މިއަދު ދިވެހި ޤައުމަށް ފޮނިމޭވާ ލިބެމުންދާ ކަމަށެވެ. އަދި ޤައުމީ ފެންވަރުގައި ފަޚުރުވެރި ވަނަތައް ހޯދާ ދަރިވަރުން ގިނަ ސްކޫލެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ތަޢުލީމަކީ ލިބިގެންވާ ބޮޑު ނިޢުމަތެއް އަދި ޒިންމާއެއްކަމަށް ވިދާޅުވި ފަސްޓް ލޭޑީ، ތަޢުލީމު ހާސިލްކުރުމަކީ ނިމުމެއް އޮތް ކަމެއް ނޫންކަމަށް ވިދާޅުވެ، ތަޢުލީމު ލިބިގަތުމުގައި ދެމިތިބުމަށް ދަރިވަރުންނަށް އިލްތިމާސްކުރެއްވިއެވެ.

"ކޮންމެ ކުއްޖަކުވެސް އަމިއްލަ ނަފުސަށް ތެދުވެރިވުން މުހިންމު. ކޮންމެ ކުއްޖަކު މާތްވެގެންވާ އިސްލާމްދީނަށް ކަމޭހިތުން މުހިންމު. ކޮންމެ ކުއްޖަކު ދިވެހި ޤައުމަށް ވަފާތެރިވުން މުހިންމު. ކޮންމެ ކުއްޖަކީވެސް އަޚްލާގު ރަނގަޅު، މަސައްކަތްތެރި ހީވަގި އަދި ރާއްޖެއާއި ދުނިޔެއަށް ލޯ ހުޅުވިފައިވާ މުސްލިމް ދިވެއްސަކަށްވުން މުހިންމު،" ފަސްޓް ލޭޑީ ވިދާޅުވިއެވެ.

މި ސިފަތަކަށް ފަރުވާތެރިވެއްޖެނަމަ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާނެ ކަމަށާއި ދުނިޔޭގައި ހަގީގީ މިނިވަންކަން ލިބިގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އެފަދަ ޢިލްމެއް ހާސިލް ކުރުމަކީ އިންސާނިއްޔަތަށް ލިބޭނެ ހިޔާވައްސެއް ކަމަށާއި އެ ދަރިވަރަކީ ވިސްނުން ތަނަވަސް، ހުރިހާ ރޮނގަކުން ޒަމާނާ ފައިހަމަކުރާނެ ދަރިވަރެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ތަޢުލީމު ދިނުމުގެ ހަގީގީ ބޭނުންތަކާމެދު ބެލެނިވެރިންނާއި މުދައްރިސުން ވިސްނުން މުހިންމުކަން ފާހަގަކުރެއްވި ފަސްޓް ލޭޑީ، ބިނާކުރާ ދަރިވަރަކީ މުސްލިމް ދިވެއްސެއްގެ ގޮތުގައި ބިނާވެގެންދާ ދަރިވަރެއްކަން ކަށަވަރުކުރުމަށް އިލްތިމާސްކުރައްވައި، އެކަމަށް ބޭނުންވަނީ ނަމޫނާ ކަމަށާއި އެ ނަމޫނާ ގޭތެރެއިންނާއި ވެށިން ފެންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ