ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، 4 އަހަރަށް ޖަލަށް

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު މުޙައްމަދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިއަދު 4 އަހަރުގެ ޖަލު ހުކުމެއް ކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ބްލޭޒަން އިންކުން މަސައްކަތް ފުރިހަމަ ނުކޮށް އަދި މަސައްކަތް ނިންމިކަން ކަށަވަރު ނުކުރަނީސް، އެ ކުންފުންޏަށް ފައިސާ ދޫކުރި މައްސަލައިގައެވެ. މި މައްސަލައިގައި ސަޢީދުގެ އިތުރުން ފެނަކައިގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށްވެސް މިދިޔަ އަހަރުގެ ފަހުކޮޅު ދައުވާ އުފުލާފައިވެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ފެނަކައިގެ ކުރީގެ ވެރިންނާ ގުޅުންހުރި އިތުރު ސީރިއަސް މައްސަލަތަކެއް ބަލަމުންދާ ކަމަށާއި، އެ މައްސަލަތަކުގައި ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާކުރަމުންދެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވި ޚާއްސަ އޮޑިޓް ރިޕޯޓެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ތެރެއިން 2.2 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ދައުލަތުގެ ކުންފުންޏެއްގެ ތެރެއިން މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ވައްކަމުގެ މައްސަލަ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ކޯޓުން ކުރި ހުކުމާއެކު، ފެނަކައިގެ ކުރީގެ އެމްޑީ އަހްމަދު ސަޢީދު މިހާރު ވަނީ ޖަލަށް ބަދަލުކޮށްފައެވެ. އަދި މި މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ދަޢުވާތަކާ ގުޅޭ މައްސަލަތައް ކުރިއަށްދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ