މީރާއިން ބުނާގޮތުގައި، މިއަހަރުގެ ސެޕްޓެންބަރު މަހު އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ޓޫރިޒަމް ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ އާއި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއިންނެވެ. މީގެއިތުރުން އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް އިތުރުވެފައިވެއެވެ. މިއަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 އިންސައްތަ އިތުރުވެފައިވުމަކީވެސް ޓޫރިޒަމް ދާއިރާގެ އާމްދަނީ އިތުރުވުމަށް މަގުފަހިކުރި ކަމެކެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ސެޕްޓެންބަރު މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 40.5 އިންސައްތަ ނުވަތަ 1.22 ބިލިޔަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ލިބުނު 507.2 މިލިޔަން ރުފިޔާއެވެ.
އިތުރު އާމްދަނީގެ ގޮތުގައި ރިޒޯޓުތަކުގެ ކުލީގެ ޓެކުހުން 404 މިލިޔަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީން 204.3 މިލިޔަން ރުފިޔާ، ޑިޕާޗަރ ޓެކުހުން 199.1 މިލިޔަން ރުފިޔާ އަދި ގްރީން ޓެކުހުން 195.7 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި މުޅި އާމްދަނީގެ ތެރޭގައި 150.25 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
މީރާއިން ފާހަގަކުރާގޮތުގައި، ސެޕްޓެންބަރު މަހު ލިބުނު އާމްދަނީގެ 14.9 އިންސައްތައަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދެއްކި ފައިސާއެވެ. އަދި 6.4 އިންސައްތަ ލިބިފައިވަނީ ނުދައްކާ ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުންނެވެ.