އިންޑިއާ އާއި ސްރީލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން މިދެޤައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ. މި ބަދަލުތައް މާދަމާއިން ފެށިގެން ތަންފީޒުކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ އައު އުސޫލުތައް
ޚާރިޖީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އިންޑިއާއަށް ދަތުރުކުރާ ކޮންމެ ފަސިންޖަރަކުވެސް އެޤައުމަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" އޮންލައިންކޮށް ފުރިހަމަ ކުރަންޖެހޭނެއެވެ. މި ފޯމު ފުރިހަމަކުރަންޖެހޭނީ ދަތުރު ފެށުމުގެ 72 ގަޑިއިރުގެ ތެރޭގައި indianvisaonline.gov.in/earrival މެދުވެރިކޮށެވެ.
ސްރީލަންކާގެ އައު އުސޫލުތައް
ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (ETA)" އެއް ހޯދަންޖެހޭނެއެވެ. މި ހުއްދަ ހޯދުމަށްޓަކައި ދަތުރު ފެށުމުގެ 48 ގަޑިއިރާއި 24 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި eta.gov.lk/slvisa މެދުވެރިކޮށް ފޯމު ފުރިހަމަކުރަންޖެހެއެވެ.
ޚާރިޖީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި ބަދަލުތަކަކީ މި ދެޤައުމުން ދިވެހިންނަށް ވިސާ ދޫކުރުމުގެ އުސޫލުތަކަށް ގެނެވުނު ބަދަލުތަކެއް ނޫނެވެ. ނަމަވެސް، ދަތުރުވެރިންގެ ދަތުރުތައް އަވަސް އަދި ފަސޭހަކުރުމަށްޓަކައި މި އައު އުސޫލުތަކަށް ފުރިހަމައަށް ޢަމަލުކުރުމަކީ މުހިންމު ކަމެއް ކަމުގައި އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.