މެޖިސްޓްރޭޓް ނިހާންގެ ސަސްޕެންޝަން އުވާލައިފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ހައްޔަރު ކުރުމަށް ޞައްޚަނޫން ކޯޓު އަމުރެއް ނެރުނު މައްސަލަައިގައި ސަސްޕެންޑްކުރި މާމިގިލި ކޯޓުގެ މެޖިސްޓްރޭޓް ނިހާންގެ ސަސްޕެންޝަން އުވާލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، 2016 ވަނަ އަހަރުގެ ތެރޭގައި ނިހާން ސަސްޕެންޑްކުރަން އެ ކޮމިޝަނުން ނިންމީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެ ކޮމިޝަނަށް ދެއްވި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެ މައްސަލައިގައި ދައުލަތުން އުފުލި ދައުވާ ނިހާންގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް، ދާދި ފަހުން ހައިކޯޓުން ބާޠިލުކުރައްވާފައިވާ ކަމަށާއި، އެ ހުކުމް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސް ނުކުރަން ނިންމާފައިވާކަން ސިޓީއަލުން އަންގާފައިވާކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.

އެހެންކަމުން، މިއަދު ބޭއްވި ޖޭއެސްސީގެ މެންބަރުންގެ ބައްދަލުވުމުން ނިންމާފައިވަނީ ނިހާންގެ ސަސްޕެންޝަން އުވާލުމަށް ކަމަށާއި، ސަސްޕެންޝަން އުވާލި ނަމަވެސް، އެކަމުގައި ނިހާންގެ ސުލޫކީ މައްސަލައެއް އޮތްތޯ ބަލަމުންދާނެކަމަށެވެ.

ނިހާންއަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި އެކަމުގައި ބައިވެރިވުމުގެ ކުށް ސާބިތުވުމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ