ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވާނެކަމަށް، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އަންނަން އޮތް ޖީލުތަކަށް ދުންފަތް މަނާކުރަން ރައީސް އެޅުއްވި ފިޔަވަޅަކީ ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތު ދޭހަކޮށްދޭ ކަމެއް ކަމަށް ވިދާޅުވަމުންނެވެ. މި ވާހަކަފުޅު ވަޒީރު ދެއްކެވީ އައްޑޫ ހުޅުދޫ އަދި މީދޫއަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ވަޒީރު ނާޒިމް ވިދާޅުވިގޮތުގައި ރައްޔިތުން އަބަދުވެސް އެންމެ ބޮޑަށް އެދެމުންދާ ކަމަކީ ޞިއްޙީ ނިޒާމު ރަނގަޅުވެ، ދުޅަހެޔޮކަން އިތުރުވުމެވެ. މިކަންކަމަށް ފައިސާ ފަހިކުރުމަށްޓަކައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު ބައެއް ޞިއްޙީ ދާއިރާއަށް ކަނޑައަޅުއްވާފައިވުމަކީ، ރައީސް ޑރ. މުޢިއްޒު ދިވެހި ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަމަށް ދެއްވާ އަހަންމިއްޔަތު ދޭހަކޮށްދޭ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަންނަން އޮތް ޖީލުތަކަށް ދުންފަތް މަނާކުރުމަށް ނިންމި ފުރަތަމަ ޤައުމަކީ ރާއްޖެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިއީ ރައްޔިތުންގެ ދުޅަހެޔޮކަމަށް ރައީސް ނިންމެވި މުހިންމު ނިންމެވުމެއް ކަމަށެވެ. "މިކަމުން ދޭހަކޮށްދެނީ ރައީސްގެ ހިތްޕުޅުގައި ޞިއްޙީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް އޮތް ލޯތްބާއި އެކަމަށް ދެއްވާ ޚާއްސަ އަހަންމިއްޔަތުކަން،" ވަޒީރު ވިދާޅުވިއެވެ. އަދި މި ދައުރުގެ ތެރޭގައި ރާއްޖޭގެ ޞިއްޙީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނަނާނެކަމަށް ވަޒީރު ޔަޤީންކަން ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެވިގެންދަނީ ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ވަރަށް ހިތްވަރުގަދަ އަދި ކުރިން އެއްވެސް ވެރިއަކަށް އަޅުއްވަން ކެރިވަޑައިނުގަތް ފިޔަވަޅުތަކެއް އެޅުއްވި ވެރިއެއްގެ ގޮތުގައެވެ. އަންނަން އޮތް ޖީލުތަކަށް ދުންފަތް މަނާކުރުމުގެ އިތުރުން، އެމަނިކުފާނު ވަނީ ސިނގިރޭޓް ބޭނުންކުރުން ހުއްޓުވުމަށް ސިނގިރޭޓްގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރައްވާފައެވެ. މީގެ އިތުރުން، ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން ޤާނޫނުން ވަނީ މަނާކޮށްފައެވެ.
ރައްޔިތުންގެ މެދުގައި ދެވިހިފައިވާ ޞިއްޙީ ގޮތުން ނުރައްކާހުރި މި އާދަތައް ދިވެހި މުޖުތަމަޢުން ނައްތާލުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވާފައިވާ މަސައްކަތްތަކަށާއި އަޅުއްވާފައިވާ ފިޔަވަޅުތަކަށް ބޭރުގެ މީޑިއާތަކުންނާއި ޞިއްޙީ ޖަމިއްޔާތަކުން ވަނީ ތަޢުރީފުކޮށްފައެވެ. ޚާއްސަކޮށް، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މިކަމާ ގުޅިގެން ޚާއްސަ އެވޯޑެއްވެސް އަރުވާފައެވެ.




