ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ފެށުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ ޤާނޫނީ ކަންކަން 2014 ވަނަ އަހަރު ކުރެވިފައިވާ ކަމަށާއި، ނަމަވެސް މިއަދާ ހަމައަށްވެސް އެމަސައްކަތުގެ ޢަމަލީ މަސައްކަތް ކުރެވިފައި ނެތުމުން މިކަމަކީ މުޅިން އަލަށް ފަށާ ކަމެއް ކަމަށެވެ.
ޖޭއެސްސީ އިން ވިދާޅުވީ މުޅިން އަލަށް ފަށާ މަސައްކަތަކެއްކަމުން އެކަން އެންމެ ފުރިހަމަ ގޮތުގައި ކުރުމަށްޓަކައި ބޭރުގެ ކޮންސަލްޓެންޓުންނާއެކު ޖުމްލަ 3 ކޮންސަލްޓެންޓުންގެ އެހީތެރިކަން މި މަސައްކަތަށް ހޯދުމަށް ނިންމާފައިވާ ކަމަށެވެ.
ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ނިންމާފައިވާއިރު، މާދަމާއިން ފެށިގެން އެ މަސައްކަތް ފަށްޓަވާނެކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި އެއްވެސް ފަނޑިޔާރަކު އިސްތިސްނާ ނުކޮށް ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބައްލަވާނެކަންވެސް ފާހަގަކުރެއްވިއެވެ.
"ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި، ޤާބިލުކަން ވަޒަންކުރުމަކީ އަލަށް ރާއްޖޭގައިވެސް ފަށައިގަނެވޭ ކަމެއްކަމަށްވުމާއެކު، މިކަމުގައި ކޮންސަލްޓެންޓުންގެ އެހީތެރިކަން ހޯދައިގެން ކުރިއަށް ގެންދިއުމަށާއި، ބޭރުގެ ފަރާތްތައްވެސް ހިމެނޭގޮތަށް މިކަން ކުރުމަށް ނިންމި." ޖޭއެސްސީގެ ނިންމުމުގައި ވިދާޅުވެފައިވެއެވެ.
ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާކަން ޖޭއެސްސީން ހާމަކުރެއްވިއިރު، އެކަމުގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް މަސައްކަތްކުރަމުންދާ ކަމުގެ އަޑުތައް ދަނީ މީސްމީޑިއާގައި ގަދަވަމުންނެވެ.



